ތެލުގެ އަގު އުފުލުމާއި ތަކެތި ލިބުމުގެ ދަތިކަމާ ހުރެ މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލު އަތުވެދާނެ: މިނިސްޓަރު

ތެލުގެ އަގު އުފުލުމާއި ތަކެތި ލިބުމުގެ ދަތިކަމާ ހުރެ މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލު އަތުވެދާނެ: މިނިސްޓަރު

Author
ޙަސަން މުޙައްމަދު
23 އޭޕްރިލް 2026 03:43
0

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ތަރައްގީގެ މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ދަތިތަކާ އެކުވެސް އެސްޓީއޯ މެދުވެރިކޮށް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ތެލުގެ އަގު ދެގުނަ ބޮޑުވެފައިވުމުން، ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ތެޔޮ ގިނައިން ބޭނުންކުރާ މަޝްރޫއުތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

ސަރުކާރުގެ ވިސްނުމަކީ އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ބަދަލުގައި، ހަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެން ޓައިމްލައިންތަކަށް ބަދަލު ގެނެސްގެން މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް މުއްތަލިބް ފާހަގަކުރެއްވި އެވެ. މިއީ ސީދާ ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައިވާ ކަންކަން ކަމަށްވާއިރު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް ބުރޫނާރާނެހެން ކަންކަން ރޭވުމަށެވެ.

އެގޮތުން، ތެލުގެ އަގު ބޮޑުވި ނަމަވެސް އާންމު ރައްޔިތުންނަށް ދޭ ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު ބޮޑުކޮށްފައި ނުވާނެ ކަމަށާއި، މަސްވެރިންނަށް ވިއްކާ ތެލާއި، ކައްކާ ގޭހުގެ އިތުރުން އަސާސީ ކާބޯތަކެތީގެ އަގުތައް ވެސް ހިފަހައްޓާފައިވާކަން މިނިސްޓަރު ކަށަވަރުކޮށްދެއްވި އެވެ. އަދި ތެލާއި ގޭސް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަސާސީ މި ކަންކަން ފުރިހަމަކުރުމަށްފަހު، ރޭވުންތެރިކަމާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.