ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ ގަރާރު ބާތިލްކޮށް، ވޯޓު ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ ގަރާރު ބާތިލްކޮށް، ވޯޓު ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް

Author
އަލީ ރައޫފް
25 ފެބްރުއަރީ 2026 03:07
0

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލްކުރުމަށާއި، އެ ގަރާރުގެ ދަށުން ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިއުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިދިކޮޅު އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ރައީސް ނެރުއްވި މި ގަރާރާ ދެކޮޅަށް އެމްޑީޕީން ހުށަހެޅީ ޖުޑީޝަލް ރިވިއުގެ މައްސަލައެކެވެ. އެ ޕާޓީން ބުނާ ގޮތުގައި އިންތިހާބުތައް އެއްކޮށްލުމަށް ގާނޫނަށް ގެނައި ބަދަލާ ރައީސްގެ ގަރާރު ފުށުއަރައެވެ. އެހެންކަމުން އެ ގަރާރަކީ ގާނޫނީ ހައިސިއްޔަތެއް ނެތް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ގާނޫނާ ހިލާފު 6 ކަމެއް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިޔާލު ހޯދުމުގެ ވޯޓަށް ކެމްޕެއިން ކުރުމުގެ ހައްގު ހަނިވުމާއި، ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގަށް އުނިކަން އައުން ހިމެނެއެވެ.

އެމްޑީޕީން އިތުރަށް ފާހަގަކުރާ ގޮތުގައި ވޯޓާ ގުޅޭ އެކަށީގެންވާ މައުލޫމާތު ކަރުދާހެއް ސަރުކާރުން އާންމުކޮށްފައި ނުވާތީ، ކެމްޕެއިން ކުރުމަށް ހުރަސްއެޅި، ދައުލަތުގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް އަދާކުރަންޖެހޭ ވާޖިބުތަކަށް އިހުމާލުވެފައިވާ ކަމަށް ބެލެވެއެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން، ކޯޓުން ވަގުތީ އަމުރެއް ނެރެނުދީފިނަމަ ސިޔާސީ ގޮތުންނާއި މާލީ ގޮތުން އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކު ރެފަރެންޑަމް ބޭއްވުމަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ޕާޓީން ދެކެއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލެއްގެ ދަށުން ގެންނަ މި ބަދަލަކީ ގާނޫނުއަސާސީއަށް ގެނެވޭ ބަދަލަކަށްވާތީ، އެކަން ފާސްކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައެވެ. ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި މި ބަދަލުގެ ސަބަބުން ދައުލަތުގެ ހަރަދުން އަހަރަކު ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.

ކޯޓު މަރުހަލާގެ އިތުރުން ސިޔާސީ ހަރަކާތްތައް ވެސް ވަރުގަދަ ކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. އެގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުން ހުއްޓުވުމަށް މުޅި ރާއްޖޭގައި ހާއްސަ ހަރަކާތްތަކެއް ހިންގާނެ ކަމަށާއި، އަންނަ މާޗް މަހުގެ 21 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.