މާލޭގެ އަމާންކަން ދެމެހެއްޓުން: ވޭތުވެދިޔަ 48 ގަޑިއިރު 30 އުޅަނދު ޗެކްކޮށްފި

މާލޭގެ އަމާންކަން ދެމެހެއްޓުން: ވޭތުވެދިޔަ 48 ގަޑިއިރު 30 އުޅަނދު ޗެކްކޮށްފި

Author
އަހުމަދު
25 ފެބްރުއަރީ 2026 12:07
0

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ދަށުން، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ބަލައިފާސްކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، މާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި "ހޮޓްސްޕޮޓް" ގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 658 ފަހަރެއްގެ މަތިން ވަނީ ބަލައިފާސްކޮށްފައެވެ. އަދި މި ވަގުތުތަކުގައި އާންމުންނާ 107 އިންޓަރެކްޝަން ހަދާފައިވާއިރު، މަގުމަތިން 30 އުޅަނދެއް ހުއްޓުވައި ޗެކްކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފުވި ދެ އުޅަނދެއް ވަނީ ޓޯކޮށްފައެވެ.

މީގެއިތުރުން، މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ވަނީ ފައިމަގުގައި ހަތް ގަޑިއިރަށްވުރެ ގިނަ ވަގުތު ޕެޓްރޯލްކޮށްފައެވެ. މި އޮޕަރޭޝަންތަކާ އެކުއެކީގައި، މާލެއާއި ހުޅުމާލޭގެ ޕާކިންގ މައްސަލަތައް ހައްލުކުރުމަށްޓަކައި، ކަނޑައެޅިފައިވާ ޒޯންތަކުގައި ނޫނީ އުޅަނދުތައް ޕާކް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މުޖުތަމައުގެ އަމާންކަން ނަގާލުމަށް މަސައްކަތްކުރާ ގޭންގުތަކާއި ދެކޮޅަށްވެސް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ދިވެހި ފުލުހުންގެ ޚިދުމަތުގައި "ގޭންގް ކްރައިމް އެންފޯސްމެންޓް" ވިންގު އުފައްދާފައިވާއިރު، ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، އެއަށް އަމަލުކުރަން މިހާރު ވަނީ ފަށާފައެވެ.

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.