ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިނުވާ ތަންތަނުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އަލުން ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރުފަހު 1:30 ގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ނިޒާމީ ވޯޓުގައި ބައިވެރިވުމަށް އެކަށީގެންވާ އަދަދަށް މީހުން ރަޖިސްޓަރީ ނުވުމުގެ ސަބަބުން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ކަނޑައެޅުމާ ގުޅިގެންނެވެ.
ވޯޓު ފޮށި ނުބަހައްޓަން ނިންމި ތަންތަނުގެ ތެރޭގައި ރާއްޖޭގެ 28 ރިސޯޓަކާއި، ސިނާއީ މަސައްކަތްކުރާ ރަށްތައް ކަމަށްވާ ހުޅުލެ، ތިލަފުށި އަދި ގދ. ކާޑެއްދޫ ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ތެރެއިން މެލޭޝިޔާ އަދި ސްރީލަންކާގައި ވެސް ވޯޓު ފޮށި ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި ތަންތަނަށް ކުރިން ރަޖިސްޓަރީވި ފަރާތްތަކުން ވޯޓު ފޮށި ބަހައްޓާ އެހެން ތަނަކަށް ރަޖިސްޓަރީ ބަދަލުކުރަން ޖެހޭނެއެވެ.
މީގެ އިތުރުން، ވަކި ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލިދާނެތީ، އެފަދަ މީހުންގެ މައުލޫމާތު އާންމުކޮށް އެ ފަރާތްތަކަށް ވެސް ރީ-ރަޖިސްޓްރީވުމަށް ވަނީ ފުރުސަތު ދީފައެވެ. ރީ-ރަޖިސްޓްރީ ކުރުމުގެ މައިގަނޑު މުއްދަތު މިދިޔަ އާދީއްތަ ދުވަހު ހަމަވިއިރު، ޖުމްލަ 26،454 މީހުން ފޯމު ހުށަހަޅާފައިވާކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ