ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓު ހުއްޓުވަން އެމްޑީޕީން ކޯޓަށް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓު ހުއްޓުވަން އެމްޑީޕީން ކޯޓަށް

Author
އައިޝަތު އަޙްމަދު
24 ފެބްރުއަރީ 2026 11:33
0

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު ނެގުން ހުއްޓުވައި ދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަން އެމްޑީޕީން ހާމަކޮށްފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅަނީ، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރަކީ ގާނޫނުއަސާސީއަށް ގެނައި އަށްވަނަ އިސްލާހާ ޚިލާފު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކޯޓުން ވަކި ގޮތެއް ނިންމަންދެން ވޯޓުގެ ކަންކަން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ. މައުރޫފް ފާހަގަކުރެއްވި ގޮތުގައި މިކަން ނުހުއްޓުވައިފިނަމަ ރައްޔިތުންނަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއެކު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މި އިސްލާހުގެ ދަށުން މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028 އަށް ކުރުކުރުމަށް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގައި "ނޫނެކޭ" ބުނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ. އެމްޑީޕީން މި ވޯޓު ހުއްޓުވުމަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވޯޓު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ދެކޭގޮތުގައި ދެ އިންތިހާބު އެއްކޮށްލުމަކީ މާލީގޮތުން ދުރު ރާސްތާއަށް ބަލާއިރު ފައިދާހުރި ކަމެކެވެ. އެ ކޮމިޝަނުގެ ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބަކަށް އެވްރެޖްކޮށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުވާއިރު، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް އެކަނިވެސް 120 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.