އިންތިހާބު އެއްކުރުމާ ދެކޮޅަށް އެމްޑީޕީ ކޯޓަށް، މާޗު 21 ގައި ބޮޑު އެއްވުމެއް

އިންތިހާބު އެއްކުރުމާ ދެކޮޅަށް އެމްޑީޕީ ކޯޓަށް، މާޗު 21 ގައި ބޮޑު އެއްވުމެއް

Author
ހުސައިން
24 ފެބްރުއަރީ 2026 11:33
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ނިންމައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް ކޯޓަށް ދިޔުމަށް އެ ޕާޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީން ހާމަކުރި ގޮތުގައި، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކުރިން އެ ޕާޓީގެ ފަރާތުން ބާއްވާ ޚާއްސަ އެއްވުން އޮންނާނީ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި އެއްވުމަކީ ސަރުކާރުން އިންތިހާބުތައް އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެއިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ރިފަރަންޑަމް ހުއްޓުވުމަށްޓަކައި ޝަރުއީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް އެމްޑީޕީން ވަނީ ނިންމާފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ގާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވޭތީ، މިއަދުގެ ވަގުތެއްގައި އެ މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.

މައުރޫފް އިތުރަށް ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީން ގިނަގުނަ މަސައްކަތްތަކެއް ރާވާފައިވެއެވެ. ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހުށަހެޅި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.