ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖަނަވަރީ މަހު އެކަނިވެސް 54 މިލިއަން ރުފިޔާގެ އެހީ ދީފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖަނަވަރީ މަހު އެކަނިވެސް 54 މިލިއަން ރުފިޔާގެ އެހީ ދީފި

Author
އައިޝަތު އަޙްމަދު
24 ފެބްރުއަރީ 2026 12:53
0

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި، ފާއިތުވެދިޔަ ޖަނަވަރީ މަހު އެކަނިވެސް 54 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖުމްލަ 54،639،000 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް ދަފްތަރުގައި 15،236 މީހުން ރަޖިސްޓްރީވެފައި ތިބިއިރު، އޭގެ ތެރެއިން 14،975 ފަރާތަކަށް މި މުއްދަތުގައި މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިއީ މިދިޔަ ޑިސެންބަރު މަހާ އަޅާބަލާއިރު ދަފްތަރަށް އައިސްފައިވާ އިތުރުވުމެކެވެ. ޑިސެންބަރު މަހުގެ ނިޔަލަށް ދަފްތަރުގައި ތިބީ 15،059 މީހުން ކަމަށްވާއިރު، ޖަނަވަރީ މަހު އަލަށް 190 މީހުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައެވެ.

މާލީ އިނާޔަތުގެ އިތުރުން، ފަރުވާއަށް ބޭނުންވާ ޚާއްސަ އެހީތެރިކަންވެސް ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން 454 މީހަކަށް 16.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން 30 މީހަކަށް ތެރަޕިއުޓިކް ފަރުވާއަށް 194،840 ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ. މާލީ އެހީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގެ ގޮތުން ޚާއްސަ ތަމްރީނުތަކާއި ވަޒީފާގެ ފުރުސަތުތައްވެސް ސަރުކާރުން އަންނަނީ ފަހިކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.