ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ދިމާކޮށް، މި ޚާއްސަ ވޯޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ އިންތިޚާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ބަސް ހޯދުމަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ހަރަކާތެކެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ވޯޓުލުމުގެ އިންތިޒާމުތަކަށް މާބޮޑު ބަދަލެއް ނައި ނަމަވެސް، މިކަމަށް ރައްޔިތުން ސަމާލުވާން ޖެހެއެވެ. ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުން ހޮވުމަށް ވޯޓުލާއިރު، މި ޚިޔާލު ހޯދުމުގެ ވޯޓުގައި އޮންނާނީ ވަކި ޚާއްސަ ކަރުދާހެކެވެ. އޭގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލަށް "ފެންނަ" ނުވަތަ "ނުފެންނަ" ޖެހުމަށެވެ.
މި ވޯޓުގައި ރައްޔިތުން ގޮތެއް ނިންމަންޖެހޭ ސުވާލަކީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެނައުމަށް ފާސްކޮށްފައިވާ 8 ވަނަ އިސްލާހު ތަސްދީޤުކުރުމާ މެދުގައެވެ.
ހަސަން ޒަކަރިއްޔާ އިތުރަށް ވިދާޅުވީ، ވޯޓުލާ ދުވަސް ޖެހުމުގެ ކުރިން މި ސުވާލުގެ މާނައާއި އޭގެ މަޤްސަދު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ދައުރު ބޮޑުކަމަށާއި، ވީހާވެސް ފުޅާ ދާއިރާއެއްގައި މި މައުލޫމާތު ފޯރުކޮށްދިނުމަށް އެފަރާތްތަކުން މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވޯޓު ވަކިން ނަގާނަމަ ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭނެތީ، ޚަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލް އިންތިޚާބާ އެކުއެކީގައި މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ