ސައުދީ ރަސްގެފާނުގެ ހަދިޔާ: ރަމަޟާން މަހަށް ޚާއްސަކޮށް 15 ޓަނުގެ ކަދުރު ހަވާލުކޮށްފި

ސައުދީ ރަސްގެފާނުގެ ހަދިޔާ: ރަމަޟާން މަހަށް ޚާއްސަކޮށް 15 ޓަނުގެ ކަދުރު ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
23 ފެބްރުއަރީ 2026 03:31
0

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ދެމުން އަންނަ ދީލަތި އެހީގެ ދަށުން، މިއަހަރުގެ ރޯދަމަހަށް ޚާއްޞަކޮށްގެން 15 ޓަނުގެ ކަދުރު ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. ސައުދީ ސަރުކާރުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ގަހްތާނީއެވެ. މިއީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، ރޯދަވީއްލުން ހަދިޔާކުރުމުގެ ޕްރޮގްރާމެއް ވެސް އިއްޔެ ވަނީ ރަސްމީކޮށް ފަށާފައެވެ.

މިއަދު ހަވާލުކުރެވުނު ޝިޕްމަންޓްގެ އިތުރުން، އާންމު ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ 50 ޓަނުގެ ކަދުރުގެ ޝިޕްމަންޓް ވެސް ލަސްތަކެއް ނުވެ ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އެ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، އެ ޝިޕްމަންޓް ލިބުމާއެކު މާލެއާއި އަތޮޅުތެރޭގެ ރަށްތަކަށް ކަދުރު ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ފެށިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.