ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، މަގު ބަންދުކޮށްގެން މުދާ ބޭލި ޕިކަޕެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފިއެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ހާދިސާ ހިނގާފައިވަނީ މާލޭގެ އެއްކޮޅަށް ދުއްވާ ހަނި މަގެއްގައެވެ. ބަލި މީހަކު ގޮވައިގެން ނުވަތަ ބަލި މީހަކު ބަލައި ދިޔަ އެމްބިއުލާންސެއް ސައިރަން އަޅަމުން ދިޔައިރު، އޭގެ ކުރިމަތީގައި އޮތް ކުޑަ ޕިކަޕަކުން ދިޔައީ ހަމަޖެހިލައިގެން މުދާ ހުސްކުރަމުންނެވެ. އެ ވަގުތު މަގު އޮތީ އެއްކޮށް ބްލޮކްވެފައެވެ. ފަހަތުގައި ތިބި ބޮޑެތި އުޅަނދުތަކުން ބަރުގޮނު އަޅައި، އެމްބިއުލާންސްގެ ސައިރަންގެ އަޑު ކެނޑިނޭޅި އިވެމުން ދިޔަ ނަމަވެސް، ޕިކަޕުގެ ޑްރައިވަރު އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި މުދާ ބޭލުމުގައި މަޝްއޫލުވެ ހުރި މަންޒަރު ފެނެއެވެ.
މުދާތައް ބާލައި ނިންމުމަށްފަހު، ޕިކަޕު ދުއްވަން އިން މީހާ ވީޑިއޯ ކުރަމުންދިޔަ ފަރާތާ ދިމާލަށް ހިތްހަމަނުޖެހިފައި އެއްޗެއް ބުނާ މަންޒަރު ފެނުނު ނަމަވެސް، ސައިރަންގެ އަޑުގަދަކަމުން އޭނާ ބުނި އެއްޗެއް ސާފުވާ ގޮތެއް ނުވެއެވެ. މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، އެ ވީޑިއޯގައި ފެންނަ ކަންތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ނުވަތަ މަގު ބަންދުވާ ގޮތަށް އުޅަނދު ބަހައްޓައިގެން ފިހާރަތަކަށް މުދާ އަރުވައި ބޭލުމަކީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ، އަދި ހައްލު ނުވެ އޮތް ބޮޑު މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ