މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މާދަމާއިން ފެށިގެން ކުރިއަށް ގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ މި މަސައްކަތުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މާލޭ ޒޯން ނުވަތަ "އޭ ޒޯން" ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މާލޭގައި ބަހައްޓާފައި ހުންނަނަމަ، އެފަދަ އުޅަނދުތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ކަނޑައަޅާ ސަރަހައްދަަކަށް ޓޯކުރަމުން ގެންދާނެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ސަމާލުވުމަށް އަންގައި، މުހުލަތެއް ދީފައެވެ. އެގޮތުން 22 ފެބުރުވަރީ 2026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 23:30 ގެ ކުރިން، ގަވާއިދާ ހިލާފަށް ހުރި އުޅަނދުތައް ނެގުމަށް ވަނީ އަންގާފައެވެ. މި ވަގުތު ހަމަވުމަށްފަހު މަގުމަތީގައި ހުންނަ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފައެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާގެ ތެރެއިން ކުރިއަށް ގެންދާ މި ހަރަކާތުގައި، އުޅަނދުތައް ޓޯކުރުމާއި ބެހެއްޓުމުގެ ތެރޭގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާނުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޓޯކުރުމަށްފަހު އެ އުޅަނދުތައް އަނބުރާ ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ ވެސް އުޅަނދުގެ ވެރިފަރާތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ފިޔަވަޅުތަކަކީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ތަނަކަށް ހެދުމަށް އަޅާ ފިޔަވަޅުތަކެކެވެ.
ކޮމެންޓު ފޮނުވާ