ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު މާދަމާ މެންދުރުފަހު ހަމަވާނެއެވެ.
މައި ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، އެކަމަށް އަމަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް ރުހުން ލިބިގެންނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު މި ވޯޓު ނެގުމަށް ކަނޑައަޅުއްވައި އިއުލާނުކުރައްވާފައެވެ.
މި ވޯޓުގައި، ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މި މަހުގެ 18 އިން 22 އަށެވެ. އެ މުއްދަތު މާދަމާ މެންދުރުފަހު 03:00 އަށް ހަމަވާއިރު، ވޯޓުލާ މަރުކަޒު ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެއެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބެލުމަށް (VR space IDNo) ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމުން ނުވަތަ އީސީގެ ވެބްސައިޓުންވެސް ޗެކްކޮށްލެވޭނެއެވެ.
އަންނަ 2026 ވަނަ އަހަރުގެ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ނަގާ މި ހިޔާލު ހޯދުމުގެ ވޯޓު ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށްފަހު ވޯޓު ގުނަން ފަށާއިރު، މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ