މާލޭގެ އަމާންކަން ކަށަވަރުކުރުން: 48 ގަޑިއިރު ތެރޭ 300 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފި

މާލޭގެ އަމާންކަން ކަށަވަރުކުރުން: 48 ގަޑިއިރު ތެރޭ 300 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފި

Author
އަހުމަދު
19 ފެބްރުއަރީ 2026 11:56
0

މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 387 މީހަކާ ސުވާލުކޮށް ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މި ހިނގާ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އެކި ބާވަތުގެ 63 ހާދިސާއެއް ރެކޯޑުކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މި މަސައްކަތުގައި، މި މުއްދަތުގެ ތެރޭގައި 1،537 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، 72 ގަޑިއިރު ވަންދެން ފުލުހުން ވަނީ ފައިމަގުގައި މާލޭގެ މަގުތައް ޕެޓްރޯލްކޮށްފައެވެ.

ވައްކަމާއި މުދަލަށް ގެއްލުން ދިނުން ފަދަ މައްސަލަތަކަށް ބަލާއިރު، މި މުއްދަތުގައި 88،347 ރުފިޔާގެ މުދާ ގެއްލިގެން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 400 މިލިއަނަށްވުރެ ގިނަ (400،028،154) ރުފިޔާގެ އަގުހުރި މުދާ ހޯދިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. މި އޮޕަރޭޝަނުގެ ތެރެއިން މީހުން ހައްޔަރުކޮށްފައިވަނީ ކުށެއް ކުރަން އުޅޭކަމުގެ ތުހުމަތުގަ އާއި، މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން އެހެނިހެން މައްސަލަތަކާ ގުޅިގެންނެވެ.

މާލޭގެ ވެށި އަމާންކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށްފައިވާއިރު، ފުލުހުންގެ ސްޓްރެޓެޖީއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން މާލޭގެ މަގުމަތިން ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާނެ ފަދަ ގޮތަކަށް ޕެޓްރޯލްކުރުމުގެ ކަންކަން ރާވައި، ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.