ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރެއްވުމަށް އެމެރިކާއިން 10 ބިލިއަން ޑޮލަރުގެ އެހީއެއް ދެއްވާނެކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ. މިއީ ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، ޓްރަމްޕް އިސްވެ ހުންނަވައި އުފެއްދެވި 'ބޯޑް އޮފް ޕީސް' އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވެވަޑައިގެންނެވި ވައުދެކެވެ.
އާންމުކޮށް ބޭރުގެ އެހީތައް ކުޑަކުރައްވައި، އެއީ ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަކުރައްވާ ޓްރަމްޕް، ޣައްޒާއަށް މިހާ ބޮޑު އަދަދެއް ހުށަހެޅުއްވިއިރު، އެ ފައިސާ ހަމަޖެއްސުމަށް ކޮންގްރެސްގެ ހުއްދަ ލިބިފައިވޭތޯ ނުވަތަ ހަރަދުކުރާނީ ސީދާ ކޮން ކަންކަމަކަށް ކަމެއް ސާފުކޮށްދެއްވާފައެއް ނުވެއެވެ. އެމެރިކާގެ އިތުރުން ސައޫދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީން ވެސް ވަނީ ކޮންމެ ގައުމަކުން އެއް ބިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި އެމެރިކާގެ އެހީ ނުހިމަނައި، އެހެން ގައުމުތަކުން ޖުމްލަ 6.5 ބިލިއަން ޑޮލަރު ހުށަހަޅާފައިވެއެވެ.
ޔޫރަޕްގެ ގައުމުތަކުގެ ބައިވެރިވުން ކުޑަ، ނަމަވެސް މުސްލިމް ގިނަ ގައުމުތަކެއް ހިމެނޭހެން އެކުލަވާލި މި ބޯޑުގެ ފުރިހަމަ ބާރު އޮންނާނީ ޓްރަމްޕަށެވެ. އެގޮތުން ބޯޑުގެ ނިންމުންތައް ވީޓޯ ކުރުމުގެ ބާރު ޓްރަމްޕަށް ލިބިވަޑައިގަންނަވާއިރު، އެމެރިކާގެ ވެރިކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް ބޯޑުގެ ވެރިކަން އޭނާއަށް އޮންނާނެއެވެ. އަދި މި ބޯޑުގެ ދާއިމީ މެންބަރުކަން ބޭނުންވާ ގައުމުތަކުން ކޮންމެ ދެ އަހަރަކުން އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގެ ނަމުގައި ހާއްސަ ފައުޖެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ. ވިހި ހާސް ސިފައިންގެ މައްޗަށް އެކުލެވޭ މި ފައުޖަށް 8،000 ސިފައިން ފޮނުވަން އިންޑޮނީޝިއާއިން ތައްޔާރުވެފައިވާއިރު، އެ ފައުޖުގެ ޑެޕިއުޓީ ކޮމާންޑަރުކަން ދީފައިވަނީ ވެސް އެ ގައުމަށެވެ. މީގެ އިތުރުން މޮރޮކޯއިން ފުލުހުން ފޮނުވަން ނިންމާފައިވާއިރު، ޓްރަމްޕްގެ ތަސައްވުރަކީ ޣައްޒާއަކީ ފަތުރުވެރިކަމުގެ ރިޒޯޓުތައް ހިމެނޭ ސުލްހަވެރި ތަނަކަށް ހެދުމެވެ.
ސުލްހައިގެ ވާހަކަތައް ދައްކަވަމުން ގެންދެވި ނަމަވެސް، އެމެރިކާއިން ދަނީ އީރާނާ ކައިރި ސަރަހައްދުތަކަށް އަސްކަރީ މަނަވަރުތައް ޖަމާކޮށް ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ. އަދި ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލިކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިއުލާނުކުރި ފަހުން ވެސް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ