ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށަނީ

ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން ފަށަނީ

Author
ހުސައިން
19 ފެބްރުއަރީ 2026 11:52
0

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް ފުލުހުން ތައްޔާރުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތުގެ ތެރެއިން މާލެ ސިޓީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެއްވެސް ތަނެއްގައި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި، މާލެ ސަރަހައްދު ހިމެނޭ "އޭ ޒޯން" ފިޔަވައި އެހެނިހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ހިމެނެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އުޅަނދުތައް ނަގަން ފަށާނީ މި ހިނގާ މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެންކަމުން، މި މަހުގެ 23 ގެ ކުރިން، ނުވަތަ 22 ވަނަ ދުވަހުގެ ނިޔަލަށް އެ އުޅަނދުތައް ނަގައި، މަގުތައް ހުސްކުރުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މުއްދަތު ހަމަވުމުން، އެފަދަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ވަކި ސަރަހައްދަކަށް ގެންދެވޭނެ ކަމަށާއި، މިގޮތަށް އުޅަނދު އުފުލުމުގެ ތެރޭގައާއި އަދި އެތަނުގައި ބަހައްޓާފައި ހުންނަ މުއްދަތުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ މުއައްސަސާއިން ޒިންމާ ނުވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން، އުޅަނދު ޓޯ ކުރުމަށްފަހު ބަހައްޓާ ތަނުން އެހެން ތަނަކަށް އުޅަނދު ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.