ދެ އިންތިޚާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓު: ރީ-ރަޖިސްޓްރޭޝަނަށް ފުރުޞަތު ހުޅުވާލައިފި

ދެ އިންތިޚާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓު: ރީ-ރަޖިސްޓްރޭޝަނަށް ފުރުޞަތު ހުޅުވާލައިފި

Author
އަހުމަދު
18 ފެބްރުއަރީ 2026 06:45
0

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓަށް، ރަޖިސްޓްރީވެފައިވާ ތަން ބަދަލުކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ އެކުގައެވެ. މިއީ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރުމުގެ ކުރިން، ދެ އިންތިޚާބު އެއްކޮށްލުމާމެދު ރައްޔިތުން ދެކޭގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނެރުއްވި ޤަރާރަކާ ގުޅިގެން ކުރިއަށްގެންދާ ޢާންމު ވޯޓެކެވެ.

މިހާރު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް، މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ (22 ފެބްރުއަރީ) މެންދުރުފަހު 3:00 އާ ހަމައަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ރީ-ރަޖިސްޓްރޭޝަނަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަނުގެ "ރީ-ރަޖިސްޓްރޭޝަން ޕޯޓަލް" ނުވަތަ އީ-ފާސް މެދުވެރިކޮށް "މައި ޕޯޓަލް" އިންނެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ވޯޓުލާ މީހާގެ އައިޑީ ކާޑުގެ ކޮޕީއަކާއި ހުށަހަޅާ ފަރާތުގެ ލައިވް ފޮޓޯއެއް ބޭނުންވާނެއެވެ. އަދި "މައި ޕޯޓަލް" ބޭނުންކޮށްގެން ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީ-ފާސް އެކައުންޓެއް އޮންނަ ފަރާތްތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.