ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހުރި މައްސަލަތަކުގެ ބާވަތުން، އެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހެނދުނު 10:30 ގައި ފެށި މި ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ފަޒީލެވެ. ބައްދަލުވުން ފެށުމާއެކު ފަޒީލް ވިދާޅުވީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ގިނަ ބަޔަކާ ގުޅުންހުރި، އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ދިރާސާކުރުމަށް ބާއްވާ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އޭނާ ހުށަހެޅުއްވިއެވެ.
މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ފަރުހަތު މުހައްމަދެވެ. މެންބަރުންގެ މި ނިންމެވުމާއެކު ކޮމިޓީގެ ބައްދަލުވުން ވަނީ މީޑިއާއަށާއި އާންމުންނަށް ނުފެންނާނެހެން ސިއްރުކޮށްފައެވެ.
މަޖިލީހުގެ އިދާރާއިން މިއަދުގެ ކޮމިޓީ އެޖެންޑާ އާންމުކުރިއިރު، އޭގައި އޮތީ "ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުން" ކަމަށް އެކަންޏެވެ. އެހެންކަމުން މިއަދު ކޮމިޓީން ސިއްރުކޮށްގެން ބަލަމުންދަނީ ކޮން މައްސަލަތަކެއްކަން އަދި ސާފުވާގޮތް ވަނީ ނުވެފައެވެ.
ކޮމެންޓު ފޮނުވާ