މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޗާޕުކޮށްގެން ގެނައި 20 ރުފިޔާ އަދި 100 ރުފިޔާގެ އައު ނޫޓުތައް އިގުތިސާދުގެ ތެރޭގައި ދައުރުކުރަން މިއަދު ފަށައިފި އެވެ. މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
މި ނޫޓުތަކަކީ އިގުތިސާދުގައި ނަގުދު ފައިސާއަށް އުފެދޭ ޑިމާންޑާ އެއްވަރަށް ފައިސާ ފޯރުކޮށްދިނުމަށާއި، ބައުވެ ހަލާކުވުމުގެ ސަބަބުން ނައްތާލާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް ގެނައި ނޫޓުތަކެކެވެ. މިގޮތުން އަލަށް ޗާޕުކުރި 100 ރުފިޔާގެ ނޫޓު ގެނެސްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށްވާއިރު، 20 ރުފިޔާގެ ނޫޓު ގެނެސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި ދެ ނޫޓުގައިވެސް ތާރީޚެއްގެ ގޮތުގައި ޖަހާފައިވަނީ 31 ޖުލައި 2025، (6 ޞަފަރު 1447) އެވެ.
މިފަހަރު ނެރުނު ނޫޓުތަކަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވުމެވެ. ޚާއްސަކޮށް 20 ރުފިޔާގެ އައު ޗާޕުގެ ދެފުށުގައިވެސް ރުފިޔާގެ ނިޝާން ވަނީ އަލަށް ހިމަނާފައެވެ. މިގޮތުން ނޫޓުގެ މޫނުމަތީގެ ވާތްފަރާތުން މަތީގައިވާ އަގާއެކުގަޔާއި، ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ އަގާއެކުގައި މި ނިޝާން ފެންނަން ހުންނާނެއެވެ. އަދި ހަމައެއާއެކު، 2024 ވަނަ އަހަރުގެ ޖުލައި މަހު ނެރުނު 100 ރުފިޔާގެ ނޫޓެކޭ އެއްގޮތަށް، މިފަހަރުގެ 100 ރުފިޔާގެ އައު ޗާޕުގައިވެސް ރުފިޔާގެ ނިޝާން ވަނީ ހިމަނާފައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، އަލަށް ޗާޕުކޮށްގެން ނެރުނު މި ނޫޓުތައް ދައުރުކުރަން ފެށި ނަމަވެސް، މިހާރު ބޭނުންކުރަމުންދާ 20 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓުތައްވެސް ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ