އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުން އުުފުލި އެމްބިއުލެންސް ވެސް އެކްސިޑެންޓުވެއްޖެ

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުން އުުފުލި އެމްބިއުލެންސް ވެސް އެކްސިޑެންޓުވެއްޖެ

Author
އައިޝަތު އަޙްމަދު
16 ފެބްރުއަރީ 2026 12:22
0

އައްޑޫ ސިޓީ ހިތަދޫގައި ރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދަތުރުކުރި އެމްބިއުލެންސް ވެސް ކާރެއްގައި ޖެހި އިތުރު އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސިލްސިލާ ހާދިސާގެ ފެށުމަކީ ހިތަދޫ ޑެއިޒީ މަގާއި އެޅެދީދީ މަގު ގުޅޭ ހިސާބުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެވެ. ރޭ 9:30 ހާއިރު ހިނގި މި ހާދިސާގައި ދެ ސައިކަލުގައި ތިބި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ފާހަގަކޮށްލެވޭ ކަމަކީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވި ދެ މީހުންގެ އަތުގައި ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމެވެ.

ކަންބޮޑުވާންޖެހޭ ކަމަކަށްވީ، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސްގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ހިތަދޫ ބޮޑުމަގުން އިތުރު އެކްސިޑެންޓެއް ހިނގުމެވެ. އެނގިފައިވާ ގޮތުގައި އެމްބިއުލެންސް އެކްސިޑެންޓުވީ، އިމަޖެންސީގައި ދަނިކޮށް ކުއްލިއަކަށް މަގަށް ނުކުތް ކާރެއްގައި ޖެހިގެންނެވެ.

ރޭ 10:00 ޖަހާކަށްހާއިރު ހިނގި މި ދެވަނަ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް، އެމްބިއުލެންސަށާއި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ކާރު ޓޯކޮށް، ފުލުހުން އަންނަނީ މި ދެ ހާދިސާ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.