ރޯދައަށް ޚާއްސަ ދަނޑުވެރިކަމުގެ މާރުކޭޓުގައި 7 ރަށަކުން ބައިވެރިވެއްޖެ

ރޯދައަށް ޚާއްސަ ދަނޑުވެރިކަމުގެ މާރުކޭޓުގައި 7 ރަށަކުން ބައިވެރިވެއްޖެ

Author
ހުސައިން
15 ފެބްރުއަރީ 2026 05:31
0

އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލޭ ނޯތު ހާބަރުގައި ހުޅުވާ ވަގުތީ މާރުކޭޓުގައި ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެފައިވާ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ މި މާރުކޭޓު ޤާއިމުކުރަނީ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ސަރަހައްދުގައެވެ. މި މާރުކޭޓުގެ މައިގަނޑު މަޤްސަދަކީ ރޯދަ މަހާ ދިމާކޮށް އަތޮޅުތަކުން މާލެ ގެންނަ ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާމެއް ދަނޑުވެރިންނަށާއި ދަތުރުވެރިންނަށް ހޯދައިދިނުމެވެ.

ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މި މާރުކޭޓުން ލިބެން ހުންނާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެއްޗެވެ. މީގެ ތެރޭގައި މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް 10 ދަނޑެއްގެ އުފެއްދުންތައް ވެސް ލިބިގެންދާނެއެވެ. އަދި މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަރަކާތްތެރިވާނީ ހަމައެކަނި ދިވެހިން ކަމަށްވެސް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަ މަހަކީ އަތޮޅުތަކުން ގިނަ އަދަދެއްގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާލެ ގެންނަ ދުވަސްވަރަކަށް ވުމާއެކު، މި ވަގުތީ މާރުކޭޓުގެ ސަބަބުން ދަނޑުވެރިންނަށް ތަކެތި ވިއްކުމުގައި ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.