ސްޕޯޓްސް އެވޯޑަށް އުމައިރު ނޮމިނޭޓްވީ ނުފޫޒަކުން ނޫންކަން، މިދިޔަ އަހަރު ހޯދި 13 މެޑަލްއިން ސާބިތުކޮށްދޭ

ސްޕޯޓްސް އެވޯޑަށް އުމައިރު ނޮމިނޭޓްވީ ނުފޫޒަކުން ނޫންކަން، މިދިޔަ އަހަރު ހޯދި 13 މެޑަލްއިން ސާބިތުކޮށްދޭ

Author
ޙަސަން މުޙައްމަދު
14 ފެބްރުއަރީ 2026 04:35
0

ކުޅިވަރު އެތުލީޓުން އަހަރުތެރޭ ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި މިވަގުތު ދޭ އެންމެ ބޮޑު ޝަރަފަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑެވެ.

ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާއިން ދޭ މި އެވޯޑަކީ، އެސޯސިއޭޝަންތަކުން ކުޅުންތެރިންނާއި ކޯޗުން އަދި ޓެކްނިކަލް ސްޓާފުންނާއި މި އެވޯޑު ލިބޭ އެހެނިހެން ފަރާތްތަކުގެ ނަން ނޮމިނޭޓުކުރުމުން، އޭގެތެރެއިން ހޮވާލެވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

އެސޯސިއޭޝަންތަކުން ކުޅުންތެރިން ނޮމިނޭޓުކުރަނީ، އަހަރުތެރޭގައި އެ ކުޅުންތެރިއަކު ނުވަތަ ޓެކްނިކަލް ސްޓާފަކު ނުވަތަ އެހެނިހެން ފަރާތެއް ވެސް ކޮށްފައިވާ މަސައްކަތާއި ލިބިފައިވާ ކާމިޔާބީތަކަށް ބިނާކޮށެވެ.

ކަން މިހެން އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުން މުޙައްމަދު އުމައިރު، އަހަރުގެ އެންމެ މޮޅު ޒުވާން ކުޅިވަރު އެތުލީޓުގެ މަގާމަށް ނޮމިނޭޓުވުމާއެކު، ސިޔާސީ މަންފާއަކަށްޓަކައި ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ހައްގު ނޫން އެއްޗެއް ނުހައްގުން ހޯދައިދޭން އުޅެނީކަމަށް ބުނެއެވެ.

އެހެންނަމަވެސް، އުމެއިރަކީ 2024 ވަނަ އަހަރުގެ ތެރޭގައި ކުޅިވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެތުލީޓެކެވެ. ޖުމްލަ ތިން މުބާރާތަކުން އޭނާ ވަނީ 13 މެޑަލްއެއް ހޯދާފައެވެ.

އެެގޮތުން އުމެއިރު ވަނީ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގައި، 19 އަހަރުން ދަށުގެ ފިރިހެނުންގެ ޑަބަލްސް އިވެންޓުން ލޯ މެޑަލް ހާސިލްކޮށްފައެވެ.

މީގެއިތުރުން، 62 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އުމެއިރު ވަނީ އެއް ލޯ މެޑަލް، ހަތަރު ރިހި މެޑަލް އަދި ދެ ރަން މެޑަލް ހާސިލްކޮށްފައެވެ.

އަދި ހަމަ އެހެންމެ، 30 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ދެ ރިހި މެޑަލް އަދި ތިން ރަން މެޑަލް އުމެއިރު ހޯދާފައިވެއެވެ.

އެ އަހަރު ތެރޭގައި އުމެއިރު ހޯދި ރަން މެޑަލްތަކުގެ ތެރޭގައި، ސިންގަލްސް އިވެންޓުތަކުން ހޯދާފައިވާ ރަން މެޑަލްތައް ވެސް ހިމެނެއެވެ.

އެހެންކަމުން، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޒުވާން އެތުލީޓަކަށް، އުމެއިރު ނޮމިނޭޓުވުމުން އެކަމާ ދެބަސްވެ، ޝައްކު ކުރަންޖެހޭ ސަބަބެއް ނެތެވެ. ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ދަރިއަކަށް ވީ ނަމަވެސް، ކުރާ މަސައްކަތާއި ހޯދާ ކާމިޔާބީތަކަށް ބިނާކޮށް ދޭ އެވޯޑެއް، އެ ކާމިޔާބީ ހޯދާފައިވާ ފަރާތަކަށް ނުދޭންވީ ސަބަބެއް ވެސް ނެތެއްނޫން ހެއްޔެވެ.

އުމެއިރު ނޮމިނޭޓުވުމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދުދީ ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ރިޝާން މުޙައްމަދު ވަނީ، ކަމުގެ ހަގީގަތް ނުބަލައި ދޮގު ޚަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އަދި އެފަދަ ޚަބަރުތައް ފެތުރި ފަރާތްތަކުން، ކުރިއަރަމުން އަންނަ، ކުރިއެރުމަށް މަސައްކަތްކުރަމުން އަންނަ އުމެއިރު ފަދަ އެތުލީޓެއްގެ ކިބައިން މައާފަށް އެދެންޖެހޭނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކަމާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑު ވުޖޫދުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި، އަޙްމަދު މަޙްލޫފް ވިދާޅުވީ، އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށާއި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.

އުމެއިރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީނޫންކަން ފާހަގަކުރައްވައި މަޙްލޫފް ވިދާޅުވި، އުމެއިރު އެއަށް ނޮމިނޭޓުވީ އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުން ކަމަށެވެ. އަދި މިއީ 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ހާމަކުރެއްވި ގޮތުގައި އުމެއިރު އަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެކެވެ.

ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.

ފާއިތުވީ މާޒީގައި ވެސް ކުޅިވަރު ފެނިގެންދިޔައީ ދިވެހި މުޖުތަމައު އެއްބައިވަންތަކުރުވާ، ބަދަހިކުރުވާ ހަރަކާތެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިއަދު، މަދު ބަޔަކު، ސިޔާސީ ބޭނުމަކަށްޓަކައި މިދަނީ، މުސްތަގުބަލުގައި ޤައުމަށް ރަން ވަނަތަކެއް ހޯދައިދޭން ކެނޑިނޭޅި ބުރަ މަސައްކަތްކުރަމުންދާ ޒުވާން އެތުލީޓުންތަކެއްގެ ހިތްމަރާލައި، ގަސްތުގައި ވަކި މަގްސަދެއްގައި މަސައްކަތްކުރާ މަންޒަރެވެ.

ކުޅިވަރުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދަމުން އަންނަ މިފަދަ ދުވަސްވަރެއްގައި، ކުރިއެރުންތަކެއް ހޯދަމުން އަންނަ އެތުލީޓެއްގެ ހިތް މަރާލުން މިއީ، މި ޤައުމު ދެކެ ލޯބިވާ، މި ޤައުމަށް ކާމިޔާބީ ލިބުން އެދޭ އެއްވެސް މީހަކު ކުރާނެކަމެއް ނޫނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.