މާފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

މާފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

Author
ހުސައިން
12 ފެބްރުއަރީ 2026 07:22
0

ކ. މާފުށީގެ ނަރުދަމާ ނިޒާމު އިތުރަށް ތަރައްޤީކޮށް، އެ ރަށުގެ އަލަށް ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢު މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމްގެ އެންމެ ބޮޑު ހަބަށްވެފައި، ރަށުގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުން އަންނަ ރަށަކަށްވުމާއެކު، މި މަޝްރޫޢަކީ އެ ރަށުގެ އުމްރާނީ ތަރައްޤީއަށް ކޮންމެހެން ބޭނުންވެފައިވާ މަޝްރޫޢެކެވެ. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން މިހާރު ހުރި ނަރުދަމާ ނިޒާމުގެ ކެޕޭސިޓީ އިތުރުވެގެން ދިއުމުގެ އިތުރުން، އަލަށް ހިއްކާފައިވާ ސަރަޙައްދުގައި ދިރިއުޅުން ފަށާ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ފުރިހަމައަށް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.