ލޯކަލް ކައުންސިލް އިންތިހާބު: ދެ ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު: ދެ ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށްފި

Author
އަހުމަދު
12 ފެބްރުއަރީ 2026 07:20
0

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމަށްޓަކައި މިއަދު ގުރުއަތު ނަގައިފިއެވެ.

މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ނަމަ އިންތިހާބާ ބެހޭ މައި މަރުކަޒުގައެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި ގުރުއަތު ނެގުން ކުރިއަށް ގެންދިޔައީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާގައެވެ. ގުރުއަތުލުމުގެ ކަންކަން ނިމުމުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ކ. ތުލުސްދޫ އާއި ކ. ގުރައިދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކެންޑިޑޭޓުންގެ ނަންބަރުތައް ކަނޑައެޅިފައިވާ ކަމަށެވެ. އެ ދެ ރަށުގެ ގުރުއަތުލުން މަޑުޖައްސާލަން ޖެހުނީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ އިންތިހާބީ ދެ މައްސަލައަކާ ގުޅިގެން ކަމަށާއި، އެ މައްސަލަތައް ނިމުމާއެކު އެ ރަށްރަށުގައިވެސް ގުރުއަތުލުން އޮންނާނެ ކަމަށް ޒާހިދު ހާމަކުރެއްވިއެވެ.

މި އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކޮމިޝަނުން ވަނީ 2،994 ފޯމު ބަލައިގެންފައެވެ. ނަމަވެސް ގުރުއަތުލުމާ ހަމައަށް އައިއިރު 67 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާތީ، މިހާރު އިންތިހާބުގައި ވާދަކުރަނީ 2،927 ކެންޑިޑޭޓުންނެވެ. ކޯޓުގައި އޮތް ދެ މައްސަލަ ނިމޭ ގޮތަކުން މި އަދަދަށް ދެ ކެންޑިޑޭޓުން އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.