ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް މާފުށީ ޖަލަށް ގެންގޮސްފައިވާ ޒަމާނީ ބޮޑީ ސްކޭނަރުތައް އިންސްޓޯލްކޮށް، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގައި ކުށްކުރުން ހުއްޓުވުމަށްޓަކައި ގެނެވުނު މި ސްކޭނަރުތައް ހަރުކުރުމާއި، އެ ތަކެތި އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެންމެ ޒަމާނީ ފެންވަރުގެ މި ސްކޭނަރުތައް ގެނެވިފައިވާކަން ދާދިފަހުން ފާހަގަކުރައްވާފައެވެ. މި ނިޒާމު ބޭނުންކުރަން ފެށުމާއެކު، ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ވަގަށް އެތެރެ ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ޖަލުތަކުގެ ހާލަތަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޖަލު ތޮއްޖެހުމާއި ގައިދީން ރީހެބިލިޓޭޓް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް، ކުށްވެރިން ބަންދުކޮށްފައި ތިބޭއިރު އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، 2023 ނޮވެންބަރު 17 އާ ހަމައަށް ރާއްޖޭގެ ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކަރަންޓުގެ ޚިދުމަތް ނެތް ނަމަވެސް، ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުން މިހާރު ހުރިހާ ގޮޅިއަކަށް ކަރަންޓު ފޯރުކޮށްދީފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ