ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ދިރާސާކޮށް ތަޅުމަށް ފޮނުވީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ. ކޮމިޓީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަ ނައިބު އަދި ސިޔާސީ ޕާޓީތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
މި އިސްލާހު ގެނައުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމާއި އިންތިހާބީ ނިޒާމު ހަރުދަނާ ކުރުމެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވިއިރު، ރިޔާސީ އިންތިހާބުގެ ދެ ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަވެފައެވެ. މީގެއިތުރުން "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖޭގެ %70 އަށްވުރެ ގިނަ ރައްޔިތުން ތާއީދުކުރަނީ ވެސް މި ދެ އިންތިހާބު އެއްކޮށްލައިގެން އެއް ދުވަހެއްގައި ބޭއްވުމަށެވެ.
މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރު ދުވަހެވެ. އަދި ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުން، އަލަށް އިންތިހާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ބަދަލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ދެން ބާއްވަން ޖެހޭނީ އެކުއެކީގައެވެ.
ބިލަށް ބަހުސްކުރެއްވިއިރު އިދިކޮޅު މެންބަރުން ވަނީ މިއީ ސަރުކާރުން އަވަސް އަރުވާލައިގެން ކުރާ ކަމެއް ކަމަށް ވިދާޅުވެ އިހުތިޖާޖު ކުރައްވާފައެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ ފުރުސަތު ހަނިވާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ބަންޑާރަ ނައިބު އަހްމަދު އުޝާމް ވަނީ އެކަން ދޮގުކުރައްވާފައެވެ. އުޝާމް ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މި އިސްލާހާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ ބަރުހެލި ނިޒާމަށް ގެނެވޭ މުހިންމު ބަދަލެއް ކަމަށާއި ވަކިވަކިން އިންތިހާބު ބޭއްވުމަކީ މާނައެއް ނެތް ޚަރަދު ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް މަޖިލީހުން މި އިސްލާހު ފާސްކުރި ކަމުގައި ވިޔަސް، މިކަމުގައި ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށާއި، ދެ އިންތިހާބު އެއްކޮށްލާނީ ރައްޔިތުން އެގޮތަށް ނިންމައިފިނަމަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ