ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ބިލު މަޖިލީހަށް ހުށަހަޅައިފި

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ބިލު މަޖިލީހަށް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
10 ފެބްރުއަރީ 2026 10:17
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފައިވާ "ވަތަނީ ޚިދުމަތް" ނުވަތަ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ހިންގުމަށް ޤާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި އެކުލަވާލި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މި މުހިންމު ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދެވެ. މިއީ ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ލޯބި އަށަގެންނެވުމަށާއި، ޚާއްޞަކޮށް ޔުނީފޯމް އެޅި ޚިދުމަތްތަކަށް ބޭނުންވާ ޖިސްމާނީ އަދި ފަންނީ ޤާބިލުކަން ހުރި ޒުވާން ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ތަޢާރަފްކުރާ ބިލެކެވެ. މިދިޔަ އަހަރު މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، މި ބިލް ޤާނޫނަކަށް ވުމުން ޕްރޮގްރާމް ހިންގުމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ލިބިގެންދާނެއެވެ.

މި ބިލުގައި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުޞޫލުތަކާއި، ބައިވެރިންނަށް ފޯރުކޮށްދެވޭނެ ތަޢުލީމާއި ތަމްރީނުތަކުގެ ތަފްޞީލު ހިމަނާފައިވެއެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ފަހިވެގެންދާނެ ޚާއްޞަ ފުރުޞަތުތައްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޤައުމީ ސަލާމަތީ ޚިދުމަތްތައް ވަރުގަދަކޮށް، ޒުވާނުންގެ ކުރިއެރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

ވަތަނީ ޚިދުމަތުގެ ބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި މުހިންމު އެހެން ކަންތައްތަކެއްވެސް ވަނީ އެޖެންޑާ ކުރެވިފައެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ބިލުގެ މަސައްކަތާއި، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ. ހަމައެއާއެކު، ރިޕަބްލިކް އޮފް ސާބިޔާ އަދި މޯލްޓާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުންވެސް މިއަދުގެ ޖަލްސާގައި ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.