ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް، މަޖިލީހުގެ ރިޔާސަތުގެ މޭޒުކޮޅު ކުރިމަތީގައި އިހުތިޖާޖު ކުރެއްވުމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.
މެންބަރު މައުރޫފްގެ ނަން އިއްވާފައިވަނީ، މި އިސްލާހު ފާސްކުރަން ފެންނަކަމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހަޅައި، އެ ރިޕޯޓަށް ބަހުސްކުރުމަށް ހުޅުވާލި ވަގުތުއެވެ. ބަހުސް ފެށުމާއެކު މައުރޫފް ވަނީ ޤާނޫނުއަސާސީ ހިއްޕަވައިގެން ރިޔާސަތުގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން އަޑުއުފުއްލަވައި އިހުތިޖާޖު ކުރައްވަން ފައްޓަވާފައެވެ. މިކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ މަޖިލީހުން ޢަމަލުކުރަމުންދަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަމަށާއި، ކަންކަމުގައި ގޮތް ނިންމާނީ މަޖިލީހުން ކަމަށް ވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތުމަށްފަހު މައުރޫފްގެ ނަން އިއްވައި އޭނާ ވަނީ ތަޅުމުން ނެރެފައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ އެކުއެކީގައެވެ. އަދި 20 ވަނަ މަޖިލީހަށްފަހު އިންތިޚާބުކުރާ މަޖިލިސްތަކުގެ ދައުރު ފެށޭ ތާރީޚަކީ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅުމަށް ވެސް ވަނީ ހުށަހަޅާފައެވެ. މި އިސްލާހު ދިރާސާކުރި ކޮމިޓީން މައްސަލަ ނިންމާފައިވަނީ އެންމެ ފަސް މިނެޓުގެ ބައްދަލުވުމަކަށްފަހު، ސަރުކާރުން ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް ކޮމިޓީގައި ތިއްބެވި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހާ މެދު ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. އިދިކޮޅު ފަރާތްތަކުގެ ތެރެއިން މިކަމަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ ހަމައެކަނި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޔާމީން މި އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައިވާއިރު، މީގެ ކުރިން ސިޔާސީ ކަންކަމުގައި މާބޮޑަށް ބަސް ވިދާޅުނުވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފައިޞަލް ސިފަކުރެއްވި ގޮތުގައި މިއީ ވެރިކަން ދިފާއުކުރުމަށްޓަކައި އަމިއްލަ ދަހިވެތިކަމުގައި ޤައުމު ފުން ވަޅުގަނޑަކަށް ވައްޓާލުން ފަދަ އަމަލެކެވެ.
ކޮމެންޓު ފޮނުވާ