މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމަށާއި މޮނިޓާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ކަމަށް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.
އިންތިހާބުގައި ހަރަކާތްތެރިވުމަށް އެދި ހުށަހަޅާއިރު، ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ނަން ހުށަހަޅަން ޖެހޭނީ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އަދި ޖަމިއްޔާ ޖަމާއަތްތަކުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އެދޭނަމަ، ފޯމު ހުށަހަޅަން ޖެހޭނީ އެ ޖަމިއްޔާއަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަންއެއް މެދުވެރިކޮށް އީސީގެ "މައި ޕޯޓަލް" އިންނެވެ.
މީގެއިތުރުން، އިންތިހާބުގެ ކަންކަން ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރުންގެ ގޮތުގައި ފޯމު ހުށަހަޅާނީ ވެސް، އެ އިދާރާއަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް "މައި ޕޯޓަލް" އިން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ