ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މިއަދު ބާއްވަން އޮތް ޖަލްސާ ކެންސަލްވުމާ ގުޅިގެން، ކޮމިޓީ ރިޕޯޓަށް ބަހުސްކުރުން ތާވަލުކޮށްފައިވަނީ މާދަމާއަށެވެ.
މި ބިލާ ގުޅިގެން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެފައިވަނީ، މަޖިލީހުން ބިލު ފާސްކުރި ނަމަވެސް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަކަށް (ރެފަރެންޑަމް) ދާންޖެހޭނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ އެކު މި ފެންނަ ނުފެންނަ ވޯޓު ނެގުމެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކައުންސިލް އިންތިހާބާ އެކު ރެފަރެންޑަމް ބޭއްވޭނީ، މި ބިލުގެ މަސައްކަތް މި މަހުގެ 18 ގެ ކުރިން ނިންމައިގެން ކަމަށެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހެވެ. މި އިސްލާހު ފާސްވެއްޖެނަމަ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވެ، 2029 ގެ ބަދަލުގައި 2028 ވަނަ އަހަރުގެ ޑިސެމްބަރު 1 އަށް ދައުރު ހަމަވާނެއެވެ.
ކޮމެންޓު ފޮނުވާ