މާލޭ ސްކޭޕިން މަޝްރޫއުގެ ދަށުން ސުނާމީ ބިނާ މައިޒާން އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ ކަނޑުއުޅަނދުތައް ވަގުތުން ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.
ފުލުހުން މިއަދު "އެކްސް" ގައި އާންމުކުރި މެސެޖެއްގައި ވަނީ، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ފާހަގަކޮށް ޗާޓެއް ހިއްސާކޮށްފައެވެ. އެ އެންގުމުގައިވާ ގޮތުން، ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދެއް މިއަދުގެ ހަވީރު 18:00 ގެ ކުރިން ނަގައި، އެ ސަރަހައްދު ހުސްކޮށްދިނުމަށް ވަނީ އެދިފައެވެ. މި މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެމުން ފުލުހުން ވަނީ މިކަމުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް އިލްތިމާސްކޮށްފައެވެ.
މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައި މިވަނީ، އެ މައިޒާން ވަރަށް ބޮޑަށް ބާވެ، މަރާމާތަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން އެ ސަރަހައްދުގެ ތޮށިގަނޑާއި، ހިނގާ މަގުގައި ޖަހާފައިވާ ގާތައް ނެއްޓި، ބިންގަނޑު ކޮންމެވެސް ވަަރަކަށް ގިރައިގެން ގޮސްފައިވާއިރު، ސުނާމީ ބިނާގައި ވެސް ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހާފައެވެ.
މި ބިނާއަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހިތި ހަނދާންތައް އާކޮށްދިނުމަށް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބިނާކޮށްފައިވާ މުހިންމު ހަނދާނީ ބިނާއެކެވެ. އެންމެ ފުރަތަމަ ލޮނުޒިޔާރަތްކޮޅު ނުވަތަ ރާޅުގަނޑު ސަރަހައްދުގައި ހުރި މި ބިނާ ފަހުން ބަދަލުކުރެވުނީ މާލޭގެ ހުޅަނގު ފަރާތަށެވެ. މި ބިނާ ފަރުމާކޮށްފައިވަނީ ކޮންމެ ބަޔަކުން ވެސް ޚާއްސަ މާނައެއް ދޭހަވާ ގޮތަށެވެ. އެގޮތުން ބިނާގައިވާ 84 ދަގަނޑު ހޮޅިން ރަމްޒުކޮށްދެނީ ސުނާމީ ކާރިސާގައި ޝަހީދުވި ދިވެހިންނެވެ. އެކި ސައިޒުގެ ހޮޅިތައް ބޭނުންކޮށްފައިވަނީ އެ ހާދިސާގައި ދުނިޔެ ދޫކުރީ އެކި އުމުރުފުރައިގެ މީހުންކަން ދައްކުވައިދިނުމަށެވެ. އަދި ބިނާގެ ވަށައިގެންވާ އެލުމިނިއަމް 20 ބޯޅައިން ތަމްސީލުކޮށްދެނީ ރާއްޖޭގެ އަތޮޅުތަކެވެ.
ކޮމެންޓު ފޮނުވާ