ރޯދަ މަހު ކުޅިވަރާއި މުނިފޫހިފިލުވުން މަނާކޮށް، އަޅުކަމަށް ހާއްސަވުމަށް ތިނަދޫ ކައުންސިލުން އަންގައިފި

ރޯދަ މަހު ކުޅިވަރާއި މުނިފޫހިފިލުވުން މަނާކޮށް، އަޅުކަމަށް ހާއްސަވުމަށް ތިނަދޫ ކައުންސިލުން އަންގައިފި

Author
އައިޝަތު އަޙްމަދު
09 ފެބްރުއަރީ 2026 04:36
0

ބަރަކާތްތެރި ރަމަޟާން މަހުގެ ވަގުތުތައް އަޅުކަމުގައި ހޭދަކުރުމަށް ބާރުއެޅުމުގެ ގޮތުން، މި އަހަރުވެސް ތިނަދޫ ސިޓީގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުން އެ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މިކަމާ ގުޅިގެން ކައުންސިލުން ނެރުނު އެންގުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނިންމުމުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހުގެ މަތިވެރި މަގުސަދުތައް ހާސިލުކުރުމަށް ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް އެއްވެސް ބާވަތެއްގެ ކުޅިވަރެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ނުހިންގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އެކަކު އަނެކަކަށް އެހީތެރިވެ، ރަސްމީ މަސައްކަތްތަކަށް ބުރޫނާރާނެހެން އަޅުކަމަށް ވަގުތު ހުސްކުރުމަށާއި، ރޯދަ މަހާ ގުޅުވައިގެން ހިންގާ ހަރަކާތްތައްވެސް އަޅުކަމަށް ދަތިނުވާނެ ގޮތަށް ރޭވުމަށް ކައުންސިލުން ވަނީ އަންގާފައެވެ. އަދި ދީނީ ހަރަކާތެއް ހިންގާނަމަ ދުރާލާ ކައުންސިލަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

މުބާރާތްތަކާއި ކުޅިވަރު ހަރަކާތްތައް މަނާކުރި ނަމަވެސް، ސިއްހީ ދުޅަހެޔޮކަމާއި ކަސްރަތަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރަށުގެ ކުޅިވަރު މައިދާންތަކާއި ދަނޑުތައް އަދި ޓްރެކްތައް ކަނޑައެޅޭ ވަކި ގަޑިތަކެއްގައި ހުޅުވާލެވިފައި ހުންނާނެކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ނަމަވެސް، ކައުންސިލްގެ މި އެންގުންތަކާ ޚިލާފަށް އަމަލުކުރާ ފަރާތްތަކަށް ކައުންސިލްގެ އެއްބާރުލުން ނުލިބޭނެ ކަމަށާއި، ގަސްތުގައި އުސޫލުން ބޭރުން ކަންކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ކައުންސިލުން ވަނީ ދީފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ތިނަދޫ ރައްޔިތުންގެ ފަރާތުން މިކަމުގައި ފެނުނު ރިވެތި ނަމޫނާ ފާހަގަކޮށް، މި އަހަރުވެސް އިސްލާމީ ރިވެތި އާދަތައް ދިރުވުމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.