ޗާގޯސްގެ މައްސަލައިގައި އިންޑިއާގެ ނޫސްވެރިން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، މަލިކަކީ ތާރީޚީ ގޮތުން ބަލާއިރު ދިވެހިންގެ ތަނެއް ކަމަށާއި، އެތަން އިންޑިއާގެ ބާރުގެ ދަށަށް ދިޔައީ މަޖުބޫރީ ހާލަތެއްގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާތީ، އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ އެ އުސޫލުން ބަލާނަމަ ރާއްޖޭގެ އުތުރުން އޮންނަ މަލިކަކީވެސް ރާއްޖޭގެ ތަނެއްކަމަށް ދިވެހިން ބުނަންވީ ނޫންތޯ ސުވާލު އުފައްދާފައެވެ. ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ނޫސްވެރިން އެހެން ބުނި ނަމަވެސް، މަލިކަކީ ހަގީގަތުގައިވެސް ދިވެހިންގެ ތަނެއް ކަމަށެވެ. އަދި ތާރީހަށް ބަލާއިރު ރާއްޖޭގެ ފުރަތަމަ ނަމަކީ "މަލިއްކަޑޫ އަތޮޅު" ކަން ފާހަގަކުރައްވައި، މަލިކުން ފެށިގެން އައްޑޫއާ ހަމައަށް އޮތީ ދިވެހިރާއްޖެ ކަމަށް ޔާމީން ވިދާޅުވިއެވެ.
މަލިކު ރާއްޖޭގެ އަތުން ބީވެގެން ދިޔަ ގޮތް ކިޔައިދެއްވަމުން ޔާމީން ވިދާޅުވީ، އެއީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް އޭރު ކުރެވުނު މަސައްކަތުގެ ތެރެއިން، ބަދަލެއްގެ ގޮތުގައި އިންޑިއާއަށް ދޫކޮށްލަން ޖެހުނު ތަނެއް ކަމަށެވެ. އެގޮތުން ނުވަ ވަނަ ހަސަން ރަސްގެފާނަށް އޭރު އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ފެނިވަޑައިގެން އެކަން އެގޮތަށް ކުރެއްވީ ކަމަށާއި، އެހެންކަމުން މަލިކަކީ އުފެދުމުގައި އިންޑިއާގެ ތަނެއް ނޫންކަން އެގައުމުގެ މީހުންނަށްވެސް އެނގެން ޖެހޭނެކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިހާރުވެސް މަލިކު މީހުން ވާހަކަ ދައްކަނީ ދިވެހި ބަހުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މިހާރު ކުރަންވީ ކަމަކީ ޕޯޗުގީޒުންގެ ސަބަބުން އެ ދުވަސްވަރު ދިވެހިންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރުން ކަމަށާއި، އެކަން ސާބިތުކޮށްދެވޭނެ ތާރީހީ ލިޔުންތައް އެބަހުރި ކަމަށެވެ. އަދި އިންޑިއާގެ ނޫސްވެރިންވެސް އެގައުމުގެ ތާރީހު ރަނގަޅަށް ދިރާސާކޮށް ކަން ހިނގާފައިވާ ގޮތް ބެލުމަށް ޔާމީން ގޮވާލެއްވިއެވެ. މީގެ އިތުރުން ޗާގޯސްއިން ދިވެހި ބަހުން ލިޔެފައިވާ މަހާނަ ގާތައް ފެނުމަކީ އެތަނާއި ރާއްޖެއާ ގުޅުން އޮތްކަމުގެ ހެއްކެއް ކަމަށް ދިވެހި ސަރުކާރުން ބުނާއިރު، މަލިކު މީހުން ދިވެހި ބަހުން ވާހަކަ ދައްކަން މެދުވެރިވި ސަބަބާ މެދު އިންޑިއާގެ މީޑިއާތަކުން ވާހަކަ ނުދައްކާކަން ޔާމީން ފާހަގަކުރެއްވިއެވެ.
މަލިކުގެ މައްސަލައިގައި ޔާމީން ގެންގުޅުއްވާ ވިސްނުންފުޅަކީ އަލަށް ދައްކަވާ ވާހަކަފުޅެއް ނޫނެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް 2015 ވަނަ އަހަރު ބޭއްވި ރަސްމީ ޖަލްސާގައި، އިންޑިއާގެ ޑިޕްލޮމެޓުންގެ ހާޒިރުގައިވެސް ޔާމީން ވަނީ މަލިކު ގެއްލުމަކީ ދިވެހިންނަށް ކުރަންޖެހުނު ހިތި ތަޖުރިބާއެއް ކަމަށާއި، އެއީ ތާރީހު ދުށް އެންމެ ކަޅު ދުވަސްތައް ކަމުގައި ސިފަކުރައްވާފައެވެ. ތާރީހީ ގޮތުން ބަލާއިރު ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ޖިހާދު ކުރެއްވިއިރު އާއިލާ ރައްކާތެރިކުރެއްވީ މަލިކުގައެވެ. އަދި އެ އާއިލާ ދިރިއުޅުއްވި "ދިވެހި ގަނޑުވަރު" މިއަދުވެސް މަލިކުގައި އެބަހުއްޓެވެ.
ކޮމެންޓު ފޮނުވާ