ޝަރުއީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކޮށްފި

ޝަރުއީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކޮށްފި

Author
ހުސެއިން
09 ފެބްރުއަރީ 2026 09:08
0

ގަޟާއީ އާ އަހަރު ފެށުމުގެ ގޮތުން ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނާއި، ޝަރަފުވެރިކަމާއެކު މަގާމުން މުސްކުޅިކުރައްވާފައިވާ ފަނޑިޔާރުންގެ އަގު ވަޒަންކޮށް ޝަރަފުގެ އިނާމު ދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވެވަޑައިގެންނެވި ބޭފުޅުންނަށް އަރުވާފައިވަނީ ސުޕްރީމް ކޯޓުގެ ތައްގަނޑު ޖަހާފައިވާ ފަތްކޮޅަކާއި ޝަރަފުގެ މެޑެއްޔެކެވެ. މީގެ އިތުރުން، މެދުނުކެނޑި 25 އަހަރު ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންނަށް ޝަރަފުގެ މުގުރުވެސް ވަނީ އަރުވާފައެވެ. މި އިނާމުތައް ފަނޑިޔާރުންނާ ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުއެވެ.

ތަކްރީމްކުރެއްވި ފަނޑިޔާރުންގެ ތެރޭގައި މެޖިސްޓްރޭޓް ރިޓަޔާޑް އިބްރާހިމް ޝަކީބާއި، ޖަޖް ރިޓަޔާޑް އަހުމަދު މުސްތަފާ އަދި މެޖިސްޓްރޭޓް ރިޓަޔާޑް އަލީ އަހުމަދު ހިމެނިވަޑައިގަންނަވައެވެ. ހަމައެއާއެކު، ފާއިތުވެދިޔަ އަހަރު މަގާމުން ވަކިވެވަޑައިގެންނެވި، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޗީފް ޖަސްޓިސް ރިޓަޔާޑް އަހުމަދު މުއުތަސިމް އަދުނާނާއި ޖަސްޓިސް ރިޓަޔާޑް މުހައްމަދު ނިޔާޒްގެ ޚިދުމަތުގެ އަގުވެސް ވަނީ ވަޒަންކުރައްވާފައެވެ. މީގެ ތެރެއިން މުއުތަސިމް އަދުނާނު ވަނީ 9 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އަދި މުހައްމަދު ނިޔާޒް ވަނީ 19 އަހަރަށްވުރެ ގިނަ ދުވަހު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައެވެ.

ފަނޑިޔާރުންގެ އިތުރުން، ޝަރުއީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން 9 މުއައްސަސާއަކަށާއި، ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަނޑިޔާރުންނާއި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ. މި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.