ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުން އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، 'އެސްޕަޔާ' އަދި 'އެރައިޒް' މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތަކީ ދައުލަތުން ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ލުއިތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ފަށާ މަސައްކަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. ރައީސްގެ އަމާޒަކީ 2028 ވަނަ އަހަރު އަންނައިރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.
މި ނިޒާމުތައް ޤާއިމުކުރެވުމުން ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. އަދި ޚާއްޞަކޮށް ތެޔޮ އެތެރެކުރުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޮޑު ހޭދަ މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ވަކި ރަށްތަކެއް ސަރުކާރުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ބައެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ