މެލޭޝިއާގެ ދިވެހި ކޮމިއުނިޓީން ބާއްވާ ބެޑްމިންޓަން ޓޯނަމަންޓް މާދަމާ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މި ބެޑްމިންޓަން ޓޯނަމަންޓަކީ، މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހިން އިސްނަގައިގެން، އެގައުމުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ދިވެހިންނަށް ބައިވެރިވެވޭގޮތަށް ބާއްވާ މުބާރާތެކެވެ. މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ އިސްފަރާތެއް ކަމުގައިވާ އަބުދުالله އަހުމަދު ވިދާޅުވީ މި މުބާރާތުގައި 12 ދިވެހި ޓީމު ބައިވެރިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމަކަށްވެފަ، މިފަދަ އިވެންޓެއް އިންތިޒާމްކުރުމުން މޭލޭޝިއާގެ ދިވެހި ކޮމިއުނިޓީއަށް އެއަތަނަކުން ބައްދަލުވެވި އެކުވެރިކަން ބަދަހި ކުރުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެތީއެވެ. އޭނާ ވިދާޅުވީ މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ އިތުރުން، ކުޅުންތެރިންގެ އާއިލާތައްވެސް މުބާރާތް އޮންނަ ދުވަހު ޓީމުތަކަށް ސަޕޯޓުކުރުމަށް، މުބާރާތް ކުރިޔަށްދާ ކޭއެލް ޓްރޭޑާސް ސްކުއަރއަށް އައުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އަދި މުބާރާތަށް ސްޕޮންސަރުންގެ ދީލަތި އެހީތެރިކަން ލިބިފައިވާތީ އެ ފަރާތްތަކަށް މުބާރާތް އިންތިޒާމް ކުރާ ދިވެހި ކޮމިއުނިޓީގެ ފަރާތުން ޝުކުރު އަދާކުރާކަމަށްވެސް އަބުދުالله އަހުމަދު ވިދާޅުވިއެވެ.
މި މުބާރާތް ކުރިޔަށް ދާނީ ފެބްރުއަރީ 8 ވަނަ ދުވަހު ހެނދުނު 9:00 އިން އެދުވަހު ހަވީރު 5:00 އަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޭއެލް ޓްރޭޑާސް ސްކުއަރގެ ސްޕޯޓްސް އެރީނާގައެވެ.
ކޮމެންޓު ފޮނުވާ