ދިވެހި ފުޓްބޯޅައަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކްލަބް އީގަލްސްގެ ފުރަތަމަ މަސްއޫލުވެރިޔާ ހަސަން އަލީ މިއަދު ނިޔާވެއްޖެއެވެ.
އުމުރުފުޅުން 78 އަހަރުގައި ހަސަން އަލީ ނިޔާވީ، ލޭގެ ޕްރެޝަރު ދަށްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. މަރްހޫމްގެ މައްޗަށް ކުރެވޭ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ހަސަން އަލީއަކީ ހަމައެކަނި ކްލަބް އީގަލްސް ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ފަރާތެއް ނޫނެވެ. އޭނާއަކީ ދިވެހި ފުޓްބޯޅައިގެ މައިދާނުގައި ފާހަގަކޮށްލެވޭ، ހުނަރުވެރި ދަރިންތަކެއް ބިނާކުރެއްވި ނަމޫނާ ބައްޕައެކެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މަޝްހޫރު ކޯޗުން ކަމަށްވާ އަލީ ސުޒެއިން، މުހައްމަދު ނަޒީހު، އިބްރާހީމް ސިނާޒް (ސިނާ) އަދި އަހުމަދު ރިޔާޒް (ގާނާ) އަކީ ހަސަން އަލީގެ ދަރިކަލުންނެވެ.
ހަސަން އަލީ ނިޔާވުމަކީ ދިވެހި ފުޓްބޯޅަ އާއިލާއަށް ލިބުނު ފުން ހިތާމައެކެވެ.
ކޮމެންޓު ފޮނުވާ