މައިންޑްކޯ އާއި ބީއެމްއެލް ގުޅިގެން އޭއައި ސެންޓަރެއް ގާއިމުކުރަނީ

މައިންޑްކޯ އާއި ބީއެމްއެލް ގުޅިގެން އޭއައި ސެންޓަރެއް ގާއިމުކުރަނީ

Author
ޙަސަން މުޙައްމަދު
06 ފެބްރުއަރީ 2026 07:00
0

ރައީސުލްޖުމްހޫރިއްޔާގެ "މޯލްޑިވްސް 2.0″ އެޖެންޑާގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަގައިގެން ފައްޓަވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ގައުމީ މަޝްރޫއުގެ މުހިންމު ބައެކެވެ. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސެންޓަރުގެ އަމަލީ މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ސެންޓަރުގެ މަސައްކަތްތައް ބައްޓަންކޮށްފައި ވަނީ ސަރުކާރުގެ އިދާރާތަކަށް ދިމާވާ ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދައިދިނުމަށެވެ. އެގޮތުން އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ކުންފުނިތަކަށް ފުރުސަތު ހުޅުވާލައި، އެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ރާވާފައެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި ސެންޓަރު ވެގެންދާނީ ދައުލަތުގެ މުއައްސަސާތަކާއި އިގްތިސާދީ ދާއިރާތަކުން ޑޭޓާއާއި އޭއައި ބޭނުންކުރުމުގައި ރައްކާތެރި އަދި ޒިންމާދާރު އުސޫލުތައް ގެންގުޅުމަށް މަގުފަހިކޮށްދޭނެ ގައުމީ ވަސީލަތަކަށެވެ. މީގެ މައިގަނޑު މަގުސަދަކީ އާންމު ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއެކު، ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ޒަމާނީ ހައްލުތައް ހޯދައިދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.