ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ބެލެނިވެރިންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ނުވަތަ "ވޯކް ފްރޮމް ހޯމް" ގެ ފުރުސަތު ފަހިކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ.
މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ވަޒީފާގައި އުޅޭ މިފަދަ ބެލެނިވެރިންނަށް މި ލުއި ލިބިގެންދާނެ ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމަކީ ބެލެނިވެރިންގެ ވަގުތު ވަރަށް ބޮޑަށް ހޭދަވާ ކަމަކަށްވެފައި، ވަޒީފާގެ މާހައުލަށް ނުކުތުމުގައި އެ ފަރާތްތަކަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ މި ބަދަލުގެ މައިގަނޑު މަޤްޞަދެވެ. މިއީ އެފަދަ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތަޢުލީމީ ކަންކަން ހަރުދަނާކުރުމަށްޓަކައި ޚާއްސަ ކްލާސްރޫމްތަކާއި، އެ ކުދިންގެ ޖިސްމާނީ ހާލަތާ ގުޅޭ ފާޚާނާ ފަދަ ވަސީލަތްތައް ސްކޫލްތަކުގައި ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ކުދިންނަށް ބޭނުންވާ ޚާއްސަ ފޮތްތައް ތައްޔާރުކުރުމާއި، ކުދިންގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރަށް ރިޢާޔަތްކޮށް އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ޚާއްސަ މަސައްކަތްތަކެއް މިއަހަރު ފަށާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ހަމައެއާއެކު، ކުއްޖާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ހަދާ އެސެސްމަންޓަކަށް ބިނާކޮށް، ގޭގައި ތިބެގެން ކިޔެވޭނެ "ހޯމް ސްކޫލިންގ" ގެ ނިޒާމެއް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް މަގުފަހިކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ވެސް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާއިރު، ސަރުކާރުން އަންނަނީ މި ފަރާތްތަކަށް ދެމުން އަންނަ އިނާޔަތްތަކާއި ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ