ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާ ރާއްޖެއިން ދެކޮޅުކަން އިނގިރޭސިވިލާތަށް ރަސްމީކޮށް ހުށަހަޅައިފި

ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާ ރާއްޖެއިން ދެކޮޅުކަން އިނގިރޭސިވިލާތަށް ރަސްމީކޮށް ހުށަހަޅައިފި

Author
ހުސައިން
05 ފެބްރުއަރީ 2026 10:36
0

ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިނގިރޭސި ސަރުކާރުގައި ރަސްމީކޮށް އެދިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ތާރީހީ ގޮތުން ބަލާއިރު ފޯޅަވަހި ނުވަތަ ޗާގޯސްއަކީ ދިވެހި ދައުލަތުގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ. އެގޮތުން ޒަމާނުއްސުރެ ދިވެހި މަސްވެރިން އެ ސަރަހައްދު ބޭނުންކޮށްފައިވާކަން ތާރީހީ ލިޔެކިޔުންތަކުން ސާބިތުވާން ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ހާމަކޮށް، އިނގިރޭސި ސަރުކާރަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލިޔުމުން ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މިދިޔަ ޑިސެމްބަރު މަހު އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާ ބައްދަލުކުރައްވައި، ރާއްޖޭގެ ކަންބޮޑުވުންތައް ސީދާ ހިއްސާކުރައްވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ޗާގޯސް މޮރިޝަސްގެ ބާރުގެ ދަށަށް ގޮސްފިނަމަ، އެގައުމުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށާއި އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. މި ކަންބޮޑުވުންތައް ބައިނަލްއަގުވާމީ ތިމާވެއްޓާބެހޭ ޖަމިއްޔާތަކުގެ ސަމާލުކަމަށް ވެސް ސަރުކާރުން ވަނީ ގެނެސްފައެވެ.

ޗާގޯސްގެ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް މި ސަރުކާރުން ގަބޫލުކުރެއެވެ. އެކަން އެގޮތަށް މެދުވެރިވީ ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ކަމަށް ތުހުމަތުކުރައްވައި، އެ ސިޓީ ރަސްމީކޮށް އަނބުރާ ގެންނަވައި، ގެއްލުނު ކަނޑުގެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަނޑައަޅުއްވާފައިވާކަން ރައީސް މިއަދު ވަނީ އިއުލާނުކުރައްވާފައެވެ. އަދި މި މައްސަލައިގައި ކުރީ ސަރުކާރުގެ އިހުމާލެއް އޮތްތޯ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވަން ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.