ދީނާއި ސިޔާސަތު ވަކިކުރާ މީހުން ނުރުހުނަސް، ދައުލަތް ހިންގާނީ އިސްލާމީ އުސޫލުން: ރައީސް

ދީނާއި ސިޔާސަތު ވަކިކުރާ މީހުން ނުރުހުނަސް، ދައުލަތް ހިންގާނީ އިސްލާމީ އުސޫލުން: ރައީސް

Author
ޙަސަން މުޙައްމަދު
05 ފެބްރުއަރީ 2026 10:08
0

އިސްލާމްދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރު ގެންގުޅޭ ފަރާތްތަކުގެ ނުރުހުން އަމާޒުވި ނަމަވެސް، ދިވެހި ދައުލަތް ހިންގުމުގައި އިސްކުރައްވާނީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވީހިނދު، ގައުމުގެ ކަންކަން ބައްޓަން ކުރަންޖެހޭނީ ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ކަމަށެވެ. މުސްލިމުން އުޅެންވީ ގޮތް އިސްލާމްދީނުގައި ފުރިހަމައަށް ބަޔާންކުރައްވާފައިވާތީ، ސަރުކާރުގެ ސިޔާސަތަކީ އެ އުސޫލުތަކާ އެއްގޮތަށް ތަރައްގީ ގެނައުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އިސްލާމީ އުސޫލުތައް ނަގަހައްޓައި، އެގޮތަށް ސިޔާސަތުތައް ތަންފީޒުކުރުމަކީ ލާޒިމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރިއްޔާތުގެ އަހުލުވެރިން އެކަމާ ދެކޮޅު ހެދި ނަމަވެސް، އެކަމަށް ފަރުވާލެއް ނުބަހައްޓަވާނެ ކަމަށާއި، ކުރިއަށް ވަޑައިގަންނަވާނީ އިސްލާމީ ޝިއާރުތައް ކުރިއަށް ނެރުއްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިކަމަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެންދިޔައީ، ރިޔާސީ ބަޔާން ފެއްޓެވިއިރުވެސް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ދީނީ ދާއިރާއިން ހާސިލުކުރެވުނު ކާމިޔާބީތަކާއި ކުރިއަށް ރާވާފައިވާ ކަންކަމަށް އަލިއަޅުވާލެއްވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.