ޗާގޯސް މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށާއި، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ޚާއްސަ ކޮމިޝަނެއް އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނައުމަށް ސަރުކާރުން މިހާރު ރަސްމީކޮށް ނިންމަވާފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ގާނޫނީ ގޮތުންނާއި ދުސްތޫީ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަކަށް ވާތީ، އެކަން ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޝަނެއް އެކުލަވާލައްވާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މި ކޮމިޝަނުން ކުރާ ތަހުގީގަށްފަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މިއީ ދިވެހިންގެ ސިޔާދަތީ ބާރު ހިމާޔަތްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ ގެއްލިފައިވާ ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ކަނޑައަޅުއްވައި، އެކަން މިއަދު އިއުލާނު ކުރައްވާފައެވެ.
މި ނިންމެވުންތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް މިންވަރެއް ދޫނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، މިއަދު އިއުލާނު ކުރެއްވި ގޮތަށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ