އޭޑީކޭ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، އެ ހޮސްޕިޓަލުގެ ގޯތިތެރޭގައި 13 ބުރީގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
އޭޑީކޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. އެ ކުންފުންޏަކީ ސިއްހީ ދާއިރާގެ އިމާރާތްތައް އެޅުމާއި އިންޖީނިއަރިންގެ މަސައްކަތުގައި ބައިނަލްއަގްވާމީ ފެންވަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށް އޭޑީކޭއިން މައުލޫމާތު ދެއެވެ. މިއީ އޭޑީކޭ ހޮސްޕިޓަލުގެ ތަރައްގީގެ ހަތަރުވަނަ ފިޔަވަހީގެ ދަށުން އިމާރާތްކުރެވޭ އެކްސްޓެންޝަން ބިލްޑިންއެކެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި އާ އިމާރާތުގެ ސަބަބުން ހޮސްޕިޓަލުގެ ޖާގަ ތަނަވަސްވެ، ކެޕޭސިޓީ އިތުރުވެގެންދާނެއެވެ. އަދި މިއީ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އޭޑީކޭއިން ފާހަގަކުރެއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި އެންމެ ދުވަސްވީ ޕްރައިވެޓް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭއަކީ 1987 ވަނަ އަހަރު ކުޑަ ކްލިނިކެއްގެ ގޮތުގައި ޚިދުމަތް ދޭން ފެށި ތަނެކެވެ. ނަމަވެސް މިއަދު އެ ހޮސްޕިޓަލަކީ މާލެ ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ޒަމާނީ ސިއްހީ ޚިދުމަތް ދެމުން އަންނަ އަމިއްލަ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ.
ކޮމެންޓު ފޮނުވާ