ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "2 އޮފް އަސް" އާ ގުޅޭގޮތުން ފެންމަތިވެފައިވާ މާލީ މައްސަލަތަކާއި ހިޔާލު ތަފާތުވުންތަކާ ގުޅިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އެ ބޭންޑާއެކު ކުރިއަށް ގެންދިޔަ އެމްބެސެޑާޝިޕް ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރުކަމަށް އައްޔަންކުރި މި ބޭންޑުގެ އެއްބަސްވުން ސަސްޕެންޑްކުރަން ނިންމީ މިދިޔަ މަހު ކަމަށް މައުލޫމާތު ލިބެއެވެ.
މި ފިޔަވަޅު އެޅުމުގެ މައިގަނޑު ސަބަބެއް ކަމަށް ވަނީ، ބޭންޑުގެ މާލީ ކަންކަމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކުގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ ނަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު އޮތުމެވެ. ފަސް މެމްބަރުންނާއެކު އުފެދުނު މި ބޭންޑުގެ އެތެރޭގެ މަސްރަހު ހޫނުވެ، ގިނަ މެމްބަރުންތަކެއް ވަނީ ބޭންޑު ދޫކޮށް ގޮސްފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ބޭންޑާ ވަކިވި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ހިމެނޭއިރު، އޭނާ ވަނީ ފައިސާގެ ކަންކަން އޮޅުވާލާ ކަމަށް ތުހުމަތުކޮށްފައެވެ.
ޝަހީދުގެ އިތުރުން، މިދިޔަ އަހަރުގެ މެދުތެރޭގައި ބޭންޑުގެ ލީޑު ވޯކަލިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަހުމަދު ޖަޝީމް އަދި މުހައްމަދު ހިޝާމް ވެސް ވަނީ ބޭންޑުން ވަކިވެފައެވެ. މި ހުރިހާ މެމްބަރުން ވެސް ވަކިވެ ނެރުނު ބަޔާންތަކުގައި އިއްތިފާގުވެފައިވާ ގޮތުން، ބޭންޑުން ވަކިވާން ޖެހުނު މައިގަނޑު ސަބަބަކީ މާލީ މުއާމަލާތްތަކުގެ ވާނުވާ ނޭނގުމާއި، އެއްބަސްވެފައިވާ ގޮތަށް މެމްބަރުންނަށް އުޖޫރަ ނުދިނުމެވެ.
މީގެ އިތުރުން، ބޭންޑު ހިންގަމުން ދަނީ ގްރޫޕެއްގެ ރޫހާ ޚިލާފަށް އެކަކު ކޮންޓްރޯލްކުރާ އޮޕަރޭޝަނެއްގެ ގޮތުގައި ކަމަށާއި، މެމްބަރުންނަށް އިހުތިރާމް ކުރުން ކުޑަވުމުގެ އިތުރުން އަމިއްލަ އުފެއްދުންތައް ނެރުމަށް ސަމާލުކަން ނުދޭކަން ވެސް ވަކިވި މެމްބަރުން ފާހަގަކޮށްފައިވެއެވެ. މި މައްސަލަތަކާއެކު މިހާރު "2 އޮފް އަސް" ގައި ބާކީ ތިބީ ހަމައެކަނި އަދުހަމް އާއި އަބްދުﷲ ޝަމްރޫހް އެވެ.
ކޮމެންޓު ފޮނުވާ