މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ "ރަންދިހަފަހެއް" ސީރީޒްގެ 100 ރުފިޔާގެ ނޫޓު މަދުވުމާ ގުޅިގެން، އާ ސްޓޮކެއް ރާއްޖެ ގެނެސްފިއެވެ. މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި ސްޓޮކް ހަމަކުރުމަށްޓަކައި ގެނައި މި އާ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ރާއްޖޭގައި ދައުރުކުރާ ފައިސާގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓަކީ އާންމުންގެ މެދުގައި އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ގިނައިން މުޢާމަލާތްތަކުގައި ބޭނުންކުރާ ނޫޓެވެ. ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭޓީއެމް ފަދަ ވަސީލަތްތަކުން ފައިސާ ނެގުމުގައިވެސް އެންމެ ގިނައިން ބޭނުންކުރަނީ ސަތޭކައިގެ ނޫޓެވެ. މީގެ އިތުރުން، ފާއިތުވި އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރެކޯޑު އަދަދަކަށް އައު އޭޓީއެމްތައް ހުޅުވުނު އަހަރެއް ކަމަށްވުމާއެކު، މި ނޫޓަށް އޮތް ޑިމާންޑް ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ.
މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓަކީ، ދިވެހި ފައިސާގެ ނޫޓުތައް ޒަމާނީކޮށް، ޕޮލިމާ ނޫޓަށް ބަދަލުކުރުމުގެ ގޮތުން 2016 ވަނަ އަހަރު ތަޢާރަފުކުރި "ރަންދިހަ ފަހެއް" ސީރީޒްގައި ހިމެނޭ ނޫޓެކެވެ. ދައުރުކުރުމަށް ނެރެފައިވާ ނޫޓުތަކުގެ ތެރެއިން އަދަދުގެ ގޮތުންވެސް އެންމެ ގިނައީ ސަތޭކައިގެ ނޫޓުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ