ގދ. ތިނަދޫ އާއިލާއެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެ ދަތުރު ހަމަޖައްސައިނުދިން މައްސަލައެއްގައި "އަސްކޮއި ޓްރެވަލް ޕްރައިވެޓް ލިމިޓެޑް" އިން ނެގި ފައިސާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ތިނަދޫ އާއިލާއެއްގެ ހަ މީހަކު އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ ކުންފުނިން ފައިސާ ނެގުމަށްފަހު، އެ ފަރާތްތައް އުމްރާއަށް ނުގެންގޮސް ލަނޑުދިން މައްސަލައެކެވެ. މިކަމާ ގުޅިގެން އެ އާއިލާގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ އެ ކުންފުންޏާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށެވެ. އެ ދައުވާގައި އެދިފައިވަނީ އުމްރާ ދަތުރަށް އެ އާއިލާއިން ދެއްކި 155،250 ރުފިޔާ އާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ޚަރަދު އެ ކުންފުނިން ހޯދުމަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އަސްކޮއި ކުންފުންޏާއި އަބްދުﷲ ރަޝީދު ވަނީ ދައުވާގައި ފާހަގަކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމަށް އިއުތިރާފުވެ، އެކަމަށް އެއްބަސްވެފައެވެ. ދެ ފަރާތުން އެއްބަސްވުމާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.
އަސްކޮއި ގްރޫޕަކީ މީގެ ކުރިންވެސް އުމްރާއަށް މީހުން ގެންދިއުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކުންފުންޏެކެވެ. މިގޮތުން، ފައިސާ ނެގުމަށްފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުނީގެ ހުއްދަ ހިފަހައްޓައި، ފިޔަވަޅު އަޅަން ނިންމާފައެވެ. އަދި އުމްރާއަށް މީހުން ގެންދިއުމަށް އެއްބަސްވެ އެކަން ކޮށްފައިނުވާތީ، މީގެ ކުރިން 130,000 ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ