މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޏ. ފުވައްމުލަކު ސިޓީގެ ވަލުތެރެއިން ބަނގުރާ ކައްކަން ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސާމާނު ފުލުހުން ހޯދައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ސިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލައި ފާސްކުރުމުގެ ތެރޭގައި، ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅިތަކަކާއި ހަންތަކެއްގެ އިތުރުން، ބަނގުރާ އުފެއްދުމަށް ތައްޔާރުކުރަމުން ދިޔަ ކަމަށް ބެލެވޭ އާލާތްތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މިކަން ކުރި ބަޔަކު ހޯދުމަށްޓަކައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށުގެ ވަލުތެރޭގައި ފޮރުވިގެން ތިބެ، މިފަދަ ގޮތްގޮތަށް ބަނގުރާ ކެއްކުމުގެ މައްސަލަތައް ފަހަކަށް އައިސް ފެންމަތިވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ގިނަ ފަހަރަށް މިފަދަ އަމަލުތަކުގައި ބިދޭސީންގެ ބައިވެރިވުން އޮންނަކަން ފުލުހުންގެ ތަހުގީގުތަކުން މީގެ ކުރިން ވެސް ހާމަވެފައިވާއިރު، މިފަދަ އޮޕަރޭޝަންތަކުގައި މީގެ ކުރިންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ