"ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ދަށުން، ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ގާތް ބައިވެރިއެއްކަމަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ. ބާލަސުބްރަމަނިއަމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސަފީރު ވިދާޅުވީ، އިންޑިޔާއިން ގެންގުޅޭ "ނެއިބަރހުޑް ފަސްޓް" ނުވަތަ އަވައްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖެއަކީ އަބަދުވެސް އެޤައުމުގެ ގާތް ބައިވެރިއެއް ކަމަށާއި، މި ގުޅުމުގެ ތެރެއިން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ސަފީރު ފާހަގަކުރެއްވި ގޮތުގައި އިންޑިޔާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވޭއިރު، އޭގެ ތެރޭގައި ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއި މުޖުތަމަޢަށް ފައިދާކުރާ ކުދި މަޝްރޫޢުތައް ހިމެނެއެވެ. މިގޮތުން މިހާރު ކުރިއަށްދާ ތިލަމާލެ ބްރިޖުގެ މަޝްރޫޢާއި، ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމާއި އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން ނިމިފައިވާ ހަނިމާދޫ އެއަރޕޯޓު މަޝްރޫޢަކީ ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫޢުތަކެވެ. މީގެ އިތުރުން، މުޖުތަމަޢަށް ސީދާ އަސަރުކުރާނެ ކުދި މަޝްރޫޢުތަކުގެ ގޮތުގައި 78 މަޝްރޫޢެއް ކުރިއަށްދާކަމަށާއި، މިކަމަށް ގާތްގަނޑަކަށް 455 މިލިޔަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ސަފީރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ރަށްރަށުގައި ސޯލާ ބައްތި ހަރުކުރުމާއި، އައުޓްޑޯ ޖިމް ޤާއިމްކުރުމާއި، ސްކޫލްތަކުގެ ވަސީލަތްތައް އިތުރުކުރުމުގެ އިތުރުން، އާރްޓީއެލް ޚިދުމަތަށް ބޭނުންވާ 12 ފެރީ ބަނުމުގެ މަސައްކަތް ހިމެނެއެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓްގެ ދަށުން ހިންގާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ސަފީރު ވިދާޅުވީ، ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިފަދަ މަޝްރޫޢުތަކަށް އެކަނިވެސް 100 މިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުން، ފެނާއި ނަރުދަމާގެ ނިޒާމުތަކާއި އައުޓްޑޯ ޖިމް ފަދަ ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާ މަންޒަރު ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ދިވެހި ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތްތަކާ ގުޅޭގޮތުން ލިބެމުންދާ ފީޑްބެކްތައް ވަރަށް ރަނގަޅުކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ސަފީރު ފާހަގަކުރެއްވިއެވެ. ސަފީރު ވިދާޅުވި ގޮތުގައި އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ވެރިންގެ ތަޞައްވުރާ އެއްގޮތަށް ތަރައްޤީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެން ގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ