މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައްވާފައިވަނީ އިސްލާމްދީނުގައި ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ މަތިވެރިކަމާއި، މުދައްރިސުންގެ މަގާމުގެ މުހިންމުކަމުގެ މައްޗަށެވެ. ޚުތުބާގައި ބަޔާންކުރެއްވި ގޮތުގައި މުދައްރިސުންނަކީ ނަބިއްޔުންގެ ވާރުތަވެރިން ކަމަށާއި، އެބޭފުޅުން އަދާކުރައްވަނީ އިންސާނިއްޔަތަށް ހެޔޮ މަގު ދެއްކުމުގެ މަތިވެރި ވާޖިބެއް ކަމަށެވެ. އަދި މީސްތަކުންނަށް ހެޔޮކަން އުނގަންނައިދޭ މީހާއަށް މާތް ﷲ ރަޙްމަތް ލައްވާ ކަމަށާއި، މަލާއިކަތުންނާއި، ކަނޑުތަކުގެ މަސްމަހާމެއްސާއި ހޮރުހޮރުގައިވާ ހިނި ފަދަ ތަކެތި ވެސް އެފަދަ ފަރާތްތަކަށް ހެޔޮ ދުޢާ ކުރާކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
"ވަށައިޖެހޭ ތައުމީލުގެ މަތިގައި އުންމަތް ބިނާ ކުރާށެވެ!" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވަނީ ކިޔަވާ ކުދިންނާއި މުޅި މުޖުތަމަޢު މުދައްރިސުންނަށް އިޙްތިރާމް ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ޢިލްމަކީ ނޫރެއް ކަމަށާއި، އެ ނޫރު ލިބިގަނެވޭނީ ޢިލްމު އުނގަންނައިދޭ ފަރާތަށް ކަމޭހިތައި، އަދަބުވެރިވެގެންކަން ހަނދާންކޮށްދެއްވިއެވެ. ދަރިވަރުން އެކުދިންގެ މުދައްރިސުންނަށް އިޙްތިރާމްކުރުމަކީ ޢިލްމުގެ ބަރަކާތް ޙާޞިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި މުދައްރިސުންގެ ކުރިމަތީގައި މަޑުމޮޅިވެ، އެބޭފުޅުން ދެއްވާ ނަސޭހަތްތައް އަޑުއަހައި، އެއަށް ޢަމަލުކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ޚުތުބާ ނިންމަވާލައްވަމުން ގޮވާލައްވާފައިވަނީ މުދައްރިސުންގެ އަގުވަޒަންކޮށް، އެބޭފުޅުންނަށް ހައްގުވާ ގަދަރާއި އިއްޒަތް މުޖުތަމަޢުގެ ތެރޭގައި ދެމެހެއްޓުމަށެވެ. ގައުމުގެ ކުރިމަގު ބިނާކުރުމުގައި މުދައްރިސުން އަދާކުރާ ދައުރަކީ އެހެން އެއްވެސް ބަޔަކަށް އަދާނުކުރެވޭނެ ފަދަ މުހިންމު ދައުރެއްކަން ފާހަގަކޮށް، ހެޔޮ ލަފާ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ