ސޯޝަލް މީޑިއާ ހެކްކޮށް ކުންފުންޏެއްގެ އެކައުންޓުން ފައިސާ ވަގަށްނެގި މައްސަލަ: އިތުރު 3 މީހަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާ ހެކްކޮށް ކުންފުންޏެއްގެ އެކައުންޓުން ފައިސާ ވަގަށްނެގި މައްސަލަ: އިތުރު 3 މީހަކު ހައްޔަރުކޮށްފި

Author
އައިޝަތު އަޙްމަދު
29 ޖެނުއަރީ 2026 08:35
0

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށް، އެމީހާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޭންކު އެކައުންޓުން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގެ ތަހުގީގު ފުޅާކޮށް، ފުލުހުން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ކުންފުނީގެ އެކައުންޓުން 279،600 ރުފިޔާއަށްވުރެ ގިނަ ފައިސާ ނަގާފައިވާ މި މައްސަލައިގައި، މިދިޔަ އަންގާރަ ދުވަހު ފެށި ހާއްސަ އޮޕަރޭޝަނެއްގައި ގދ. ތިނަދޫއާއި އައްޑޫ ސިޓީ ހިތަދޫ ފުލުހުންނާއި ގޭންގު ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ވަނީ އިތުރު ތިން ޒުވާނުން ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަނުގައި އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، އަތިރީއައްސޭރި، އުމުރުން 24 އަހަރުގެ މުހައްމަދު ނާއިޝް ނަބީލް އާއި، ސ. ހިތަދޫ، ހާލަމް، އުމުރުން 19 އަހަރުގެ ހަސަން ވިއާމްގެ އިތުރުން ސ. ހުޅުދޫ، ނާދީ، އުމުރުން 24 އަހަރުގެ މުނާޒު ޖައުފަރެވެ. މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޒު 15 ދުވަހަށް، ވިއާމް 10 ދުވަހަށް އަދި ނާއިޝް 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި މީގެ ކުރިންވެސް ފުލުހުން ވަނީ އެކި އުމުރުފުރާގެ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުހައްމަދު އަލީ (42 އ) ގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިހާރު މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ޖުމްލަ އަދަދު މިވަނީ 13 އަށް އަރާފައެވެ. ކުރިން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި މާލެ، ހއ، ހދ، ކ، ލ، ގއ، ގދ އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 19 އަހަރާއި 59 އަހަރާ ދެމެދުގެ ފިރިހެނުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.