ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ މެންބަރަކު ހޮވުމަށްޓަކައި، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ރަސްމީކޮށް ހުޅުވާލައިފިއެވެ. އެ ކުންފުނީގެ ހިންގާ ގަވާއިދު ބަޔާންކުރާ ގޮތުގެ މަތިން، ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ ސަރުކާރުން އައްޔަންކުރާ 6 ޑިރެކްޓަރުންނާއި، އާންމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބު ކުރެވޭ ޑިރެކްޓަރެއްގެ މައްޗަށެވެ. މިއަދު ކުރި އިއުލާނާއެކު، އާންމު މެންބަރުގެ މަޤާމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ އަދި ފަންނީ ޝަރުތުތައް ވެސް ވަނީ ހާމަކޮށްފައެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 30 އަހަރު ފުރިފައިވާ، އަދި އެސްޓީއޯގެ ހިއްސާދާރެއް ކަމުގައި ވާންޖެހެއެވެ. މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކުންފުނިތަކުގެ ޑިރެކްޓަރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތެއް ކަމުގައި ވެސް ވާންޖެހޭނެއެވެ. ތަޢުލީމާއި ތަޖުރިބާއަށް ބަލާއިރު، ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 5 އަހަރުގެ އަމަލީ ތަޖުރިބާ، ނުވަތަ ޑިޕްލޮމާއެއް އޮތްނަމަ 10 އަހަރުގެ ތަޖުރިބާ ހުރުމަކީ ޝަރުތެކެވެ.
ހަމައެއާއެކު، ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކަށް އަހުލުވެރިވެފައިވުމާއި، މާލީ ހިސާބުތައް ދިރާސާކޮށް އެނަލައިޒް ކުރުމުގެ ޤާބިލުކަން ހުރުމަކީ ވެސް ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތަކެއް ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދޭގޮތުގައި، މި ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށެވެ. އެހެންކަމުން ޝަރުތު ހަމަވާ ފަރާތްތަކުން އެ ތާރީޚުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ކުންފުނިން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ